ކޮވިޑާ ގުޅިގެން ރައްޖޭގެ ހާލަތަށް އަންނަ ބަދަލުތަކާއެކު ކުރިއަށް އޮތް ހަފްތާގައި އަންނާނެ ކަމަށް ލަފާކުރާ ސާޖު (އެންމެ ބޮޑަށް ބަލި ފެތުރިގެން ދިއުން) ގައި އެންމެ ގިނަވާނެ އެއް ބަޔަކީ ސިފައިންނަށް ވެދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ވީޑިއޯ މެދުވެރިކޮށް ޝަމާލް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ގައުމީ ސަލާމަތާ ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން، ކޮވިޑާ ގުޅިގެން ކުރަމުން ގެންދާ މަސައްކަތުގައިވެސް ސިފައިންނަކީ އެންމެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ކަމަށެވެ. އެއީ ކޮވިޑަށް ޝައްކު ކުރެވޭ މީހުންނާ ކައިރީގައި ކަމަށް ވިޔަސް، ޕޮޒިޓިވް ވާ މީހުންނާ ގާތުން ކަމަށް ވިޔަސް ސިފައިން ތިބީ ފްރަންޓްލައިންގައި ކަމަށެވެ.

އެހެން ކަމުން، ރާއްޖޭގައި ކޮވިޑްގެ ސާޖެއް އަންނަ އިރު ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ސިފައިން ހިމެނިގެން ދިއުމަކީ ގާތް ކަމެއް ކަމުގައި ޝަމާލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި މިހާރުވެސް ސިފައިންގެ ތެރެއިން ބައެއް މީހުން ޕޮޒިޓިވް ވެފައި ވާ ކަމަށެވެ. އަދި ޕޮޒިޓިވް ވެ ރަނގަޅުވެގެން ސިފައިން ޑިއުޓީއަށް ނުކުމެފައިވެސް ވާ ކަމަށެވެ.

ސަލާމަތީ ބާރުތަކުގެ ތެރެއިން ޕޮޒިޓިވް ވާ މީހުންގެ އަދަދު ހާމަ ކުރުން އެޗްޕީއޭއިން ހުއްޓާލި އިރު ސިފައިންގެ ތެރެއިން 20 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

ޝަމާލް ވިދާޅުވީ، ސިފައިން ފްރަންޓްލައިންގައި މަސައްކަތް ކުރަނީ، ހުރިހާ ކަމެއް އެނގި ތިބެ ކަމަށާއި، ހާލަތަށް ފުރިހަމައަށް ތައްޔާރުވެ ތިބެގެން ކަމަށެވެ. އޭނާ ވިދާޅުވީ، ކޮވިޑާ ގުޅިގެން ހަރަކާތްތެރިވާ އެހެން ފަރާތްތަކެކޭ އެއްގޮތަށް ސިފައިންވެސް ހަރަކާތްތެރިވަނީ ޕްރޮޓެކްޓިކް ގިއާއާއި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާ އެކުގައި ކަމަށެވެ. ނަމަވެސް މީހަކު ބަލިވެ ނުވަތަ ޕޮޒިޓިވް ވުމަކީ އޮތް ފުރުސަތެއް ކަމަށެވެ.

މޭޖާ ޝަމާލް އިތުރަށް ވިދާޅުވީ، ކޮވިޑުގެ ކަންތަކުގައި ހަރަކާތްތެރިވާ ސިފައިން ވަކިވަކި މަރުކަޒުތަކުގައި ތިބޭ އިރުވެސް، ގައުމީ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިފަދަ ހާލަތެއް (ކޮވިޑްގެ) ދިމާވެފައި މި ދަނޑިވަޅުގައި ގައުމުގެ ސަލަމަތާއި ރައްކާތެރިކަން ކޮމްޕރޮމައިޒް ވެދާނެ (ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ) އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރިއަ ނުދެއްވާނެ ކަމަށެވެ.