ފެން ކުންފުނީގެ ކަސްޓަމަރުންނަށް މިހާރު އަމިއްލައަށް ފެން ބިލް ޖެނެރޭޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ފެން މީޓަރުގެ ފޮޓޯއާއި ރީޑިން، އެމްޑަބްލިޔުއެސްސީ ގެ އެޕް މެދުވެރިކޮށް އަޕްލޯޑު ކޮށްގެން ކަސްޓަމަރުންނަށް އަމިއްލައަށް ފެން ބިލް ޖެނެރޭޓް ކުރެވޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުގެ ގޭބިސީތަކަށެވެ. އެމްޑަބްލިޔުއެސްސީގެ އެޕަށް އަލަށް ތައާރަފު ކުރެވުނު މި ފީޗާއާއެކު، އެޕުގައި ބަޔާންކޮށްފައިވާ އިރުޝާދާއެއްގޮތަށް މީޓަރުގެ ފޮޓޯއާއި ރީޑިން އަޕްލޯޑު ކުރާތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފެންބިލް ތައްޔާރުވެ، އެމްޑަބްލިޔުއެސްސީއެޕް މެދުވެރިކޮށް ފެންބިލް ބަލައިލެވޭނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނީގެ އެޕަށް މިފީޗާ ތައާރަފު ކުރެވުނީ، ފުރަބަންދުގައި އެ ކުންފުނީގެ މުވައްޒަފުންގޭގެއަށް މީޓާ ރީޑިން ނަގަން ދިއުމަކީ، ކަސްޓަމަރުންނާއި މުވައްޒަފުންވެސް ނުރައްކަލަށް ހުށަހެޅިގެން ދާނެ ކަމަކަށް ވުމުން ކަމަށެވެ. އަދި މިއީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނާއި އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ގަވާއިދުން ފެން ބިލު ލިބިލައްވާނެ އިންތިޒާމްހަމަޖައްސައި ދިނުމަށްޓަކައި ތައާރަފްކުރި ފީޗާއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ފެން މީޓަރުގެ ރީޑިން ނަގާ ދުވަސް ޖެހުމުން، މީޓަރުގެ ރީޑިން އަޕްލޯޑު ކުރުމަށް އެދި އެމްޑަބްލިޔުއެސްސީއިން ކަސްޓަމަރުންނަށް އެސްއެމްއެސް ނޯޓިފިކޭޝަނެއް ފޮނުވާނެއެވެ. އެ ނޯޓިފިކޭޝަން ލިބުމުން، އެޕަށް ލޮގިންވެ، އެޕްގެ ހޯމް ސްކްރީނުން ފެންނަ ރީނދޫ ކުލައިގެ ކެމެރާ އައިކަންއަށް ފިތާލުމަށްފަހު އެޕުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް މީޓަރުގެ ފޮޓޯއަކާއި މީޓަރުގެ ޑައިލް އިން ފެންނަ 8 އަދަދުގެ ނަންބަރު ޖެހުމަށްފަހު، ސަބްމިޓް ކޮށްލުމުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބިލް ޖެނެރޭޓްވެ، އެޕަށް ބިލް އަޕްޑޭޓްވެގެން ދާނެއެވެ.

ފެން ކުންފުނިން ބުނީ މި ފީޗާގެ ދަށުން، އެޕް މެދުވެރިކޮށް އަޕްލޯޑް ކުރެއްވޭނީ ހަމަ އެވަގުތު ކެމެރާއިން ނަގާ މީޓަރުގެ ފޮޓޯ އެއް ކަމަށެވެ. އަދި ފޯނުގެ ފޮޓޯ ގެލެރީން، މި ފީޗާގެ ދަށުން ފޮޓޯ އަޕްލޯޑު ނުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިޔުއެސްސީގެ އެޕު މެދުވެރިކޮށް މީޓަރުގެ ރީޑިން އާއި ފޮޓޯ ފޮނުވުމާ ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓު އިން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ބުނީ، ކަސްޓަމަރުންނަށް މީޓަރ ރީޑިން ނުފޮނުވޭނަމަ، އެމްޑަބްލިޔުއެސްސީން އެމަހަކަށް ބިލް ހަދާނީ އެ ގޭބިސީއެއްގެފާއިތުވި ތިންމަހާއި ހަމަހާ ދޭތެރޭގެ ބިލްތަކުގެ އެވްރެޖް އަށް ބިނާކޮށް، އެވްރެޖް ބިލެއް ކަމަށެވެ.