ދުނިޔޭގެ އެއް މަންޒިލުން އަނެއް މަންޒިލަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަސް (ސާސް-ކޯވް-2) އެންމެ ގިނައިން އުފުލި އެއް ސަވާރީއަކީ މަތިންދާބޯޓުތަކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. މި ބަލިމަޑުކަމާއެކު މުޅި ދުނިޔެ ހުއްޓުމަކަށް އައި އައުމުގައި އެންމެ ފުރަތަމަ ބުރޫ އެރީވެސް ވައިގެ އުދުހުންތަކުގެ ސިނާއަތަށެވެ.
ކަންމިހެން އޮތްއިރު ކޮވިޑް-19ގެ ބަލިމަޑުކަމުން ދުނިޔެ މަޑުމަޑުން އަރައިގަނެ، އާ-އާންމު ދިރިއުޅުމަށް އަހުލުވެރިވާން ފަށާއިރު، މަތިންދާބޯޓުތަކުގެ ސީޓިންގް އެރޭންޖްމަންޓް އޮންނާނެ ގޮތަކާ މެދު މިހާރު ގިނަ ބަޔަކު ދަނީ ބަހުސް ކުރަމުންނެވެ.
ކޮންމެ 3 ގޮނޑިއަކުން މެދަށް ހުންނަ ގޮނޑި ނެގުމާ، ފޭސްމާސްކު ބޭނުން ކުރުމަށް ފަސެންޖަރުންނަށް މަޖުބޫރު ކުރުވުމާ، މުޅި ހަށިގަނޑު ޑިސްއިންފެކްޓް ކުރާ ބޫތުތައް އެއާޕޯޓްތަކުގައި ތަރައްގީ ކުރުމުގެ ވާހަކަތައް ދެކެވެއެވެ. މަތިންދާ ބޯޓުގެ ސީޓުތައް ފަރުމާ ކުރާ ފަރާތްތަކުންވެސް މިހާރު ދަނީ، ކުރިއަށް އޮތް ތަނުގައި ދަތުރުކުރާ ފަސެންޖަރުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދެނިވި ގޮތަކަށް ސީޓުތައް ފަރުމާކުރުމުގެ ތަޖުރިބާ ކުރަމުންނެވެ.
މިފަދަ އެއް ފިކުރު އާންމުކުރި އެކަކީ ފަރަންސޭސިވިލާތުގެ އެރޯނޮޓިކަލް އިންޖިނޭރު ފްލޯޣިއާން ބަޣްޖޯއެވެ. އޭނާގެ މި ތަސައްވުރަށް ދީފައިވާ ނަމަކީ "ޕްލޭންބޭ" އެވެ.
"ޕްލޭންބޭ" ފަރުމާ ބަރޯސާވަނީ މަތިންދާ ބޯޓުން ސީޓުތަކެއް ނެގުމަކަށް ނޫނެވެ. ނުވަތަ އާ ފަރުމާއެއްގެ ސީޓުތަކެއް ހަރުކުރުމުގެ މައްޗަކަށްވެސް ނޫނެވެ. ނަމަވެސް ކެބިން ތެރޭގައި ފަސޭހައިން ހަރުކޮށް ނައްޓާލެވޭ ސަލާމަތީ ކިޓްއެއްގެ މައްޗަށެވެ.
"ޕްލޭންބޭ" ހާއްސަކޮށްފައިވަނީ ފްލައިޓްގެ އިކޮނޮމީ ކުލާހަށް ކަމަށްވާއިރު، މި ކިޓްއަކީ ސީޓުގެ ފަހަތުންނާ އަރިމަތިން އަނެއް ސީޓްއާ ސީދާ ކޮންޓެކްޓް ނުވާ ގޮތަށް ޖަހާލެވޭ ޕެނަލްއެކޭވެސް ބުނެވިދާނެއެވެ.
ބަޣްޖޯ ބުނާ ގޮތުގައި ފަސޭހައިން ނައްޓާލެވޭ ގޮތަށް މި ކިޓް ފަރުމާ ކުރުމުގެ މަގުސަދަކީ ޖިއޮގްރަފީ ގޮތުން ވަކި ސަރަހައްދުތަކަށް ދަތުރުކުރާއިރު މި ވަސީލަތް ބޭނުން ކުރަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ދިނުމާ، ސެނިޓައިޒްކޮށް ސާފުކުރަން ފަސޭހަކޮށްދިނުމެވެ.
މި ތަސައްވުރުގައި މެދު ގޮނޑީގައި ފަސެންޖަރަކު ނީންނާނެއެވެ. ޕެނަލް ހަރުވާނީ އެ ސީޓަށެވެ. މިކަން މިހެން ކުރުމުން، ކުޑަ ދޮރާ ވީ ފަޅީގައި އިންނަ ފަސެންޖަރާ، ބޯޓުގައި ހިނގަން އޮންނަ މަގަށް ވާ ގޮތަށް އިންނަ ފަސެންޖަރާ ދެމެދު އިޖުތިމާއީ ގައިދުރުކަންވެސް އޮންނާނީ ދެމެހެއްޓިފައެވެ.
ބަޣްޖޯ ބުނާ ގޮތުގައި، މިއީ ހަރުކޮށްލަން ފަސޭހަ، އުފައްދަން ފަސޭހަ އަދި ޚަރަދު ކުޑަ އުފެދުމެކެވެ.