އައްޑޫ ސިޓީގެ ވާހަކަ އެކަނި ދައްކަވާ، ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހަށް މައްސަލައެއް ލައްވަން ޖެހިވަޑައި ނުގަންނަވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އައްޑޫގައި ކޮވިޑަށް ޓެސްޓް ނުކުރެވޭތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ރައްދު ދެއްވާ ރޮޒައިނާ ވިދަޅުވީ އެއީ ސިޔާސީ ބޭނުމަކަށް ލއްވާފައި އޮތް އެއްޗެއް ކަމަށާއި އެއީ އެއްވެސް ބަޔަކަށް އޮޅޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އައްޑޫގައި ތިބީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ހަތް މެންބަރުން ކަމަށާއި އެ ހަތް މެންބަރުން، އައްޑޫގެ މައްސަލާގައި ވާހަކަ ދައްކަވަން ޖެހޭ ފަރާތްތަކާއި ވާހަކަދައްކަވާ ހައްލު ހޯއްދަވާނެ ކަމަށެވެ.

ތީ ސިޔާސީ ބޭނުމެއްގައި ލާފައި އޮތް އެއްޗެއް. އެކަން ހިޔެއް ނުވޭ އެއްވެސް ބަޔަކަށް އޮޅޭނެ ހެންނެއް. އެހެންނަމަ އައްޑޫގަ އެކަނި ވާހަކަ ނައިފަރު މެންބަރު ލާކަށް ނުޖެހޭނެ. އައްޑޫގައި ތިބީ ސަރުކާރަށް ނިސްބަތްވާ ހަތް އެމްޕީން. އަޅުގަނޑުމެން ވާހަކަ ދައްކަން ޖެހޭ ފަރާތްތަކާއި ވާހަކަދައްކާ ހައްލު ހޯދާނަން އިންޝާ ﷲ.
ރޮޒައިނާ

ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވެފައި ވަނީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫގައި މިހާތަނަށް ކޮވިޑަށް ޓެސްޓު ކުރެވޭނެ އެއްވެސް ވަސީލަތެއް ގާއިމު ކުރެވިފައި ނުވާ ކަމަށެވެ.

ހަމަ އެއާއެކު، ކޮންމެ އަތޮޅެއްގައި ވެސް ކޮވިޑަށް ޓެސްޓުކޮށް ފަރުވާ ދެވޭނެ އިންތިޒާމު ވީ އެންމެ އަވަހަކަށް ގާއިމު ކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ޝިޔާމް އެފަދަ މައްސަލައެއް ފެންމަތި ކުރި އިރު، އައްޑޫއިން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ އަނެއްކާ ނެގެޓިވް ވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އެ ހާދިސާއާ ގުޅިގެން މުޅި އައްޑޫގައި ލޮކްޑައުންވެސް އިއުލާން ކުރިއެވެ. ހަމަ އެއާއެކު، ބަލިވެގެން މާލެ ގެނައި މީހާ އެއާޕޯޓަށް ދަތުރު ކުރި ވޭންގައި އިތުރު އެހެން ބަލި މީހަކު އުފުލި މައްސަލައަކާއި އެމީހާ މާލެ ފުރުވާނުލައި އަނބުރާ އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.