އުރީދޫގެ މޫލީ މެދުވެރިކޮށް މާލެ އަދި ހުޅުމާލޭގެ އެޑްރެސްތަކަށް ޑެލިވެރީގެ ހިދުމަތް ދޭންފަށައިފިއެވެ.

އުރީދޫން ބުނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ތަންފީޒުކުރައްވާފައިވާ ލޮކްޑައުންގެ ސަބަބުން، ފެން، މަސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ފޯރުކޮށްދޭ ފަރާތްތަކުން ދަނީ އޮންލައިންކޮށް ކަސްޓަމަރުންނާއި މުއާމަލާތްކުރުމަށާއި އުފެއްދުންތައް ޑެލިވަރކުރުމަށް މޫލީގެ އެހީތެރިކަމަށް އެދެމުން ކަމަށްވާތީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީ ވުމުގެ ގޮތުންނާއި، ކަސްޓަމަރުން ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ވިޔަފާރިކުރުމުގެ ފުރުސަތު ފުޅާކޮށްދިނުމުގެ ގޮތުން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކާ ގުޅިގެން މޫލީ މެދުވެރިކޮށް މާލެ އަދި ހުޅުމާލޭގެ އެޑްރެސްތަކަށް ޑެލިވެރީގެ ހިދުމަތާއެކު ފޯރުކޮށްދޭންފަށައިފައިވާ ކަމަށެވެ.

މޫލީ އާއި އަލަށް ގުޅިފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ހޮރައިޒަން ފިޝަރީޒްފެ މަނަދޫ މަސްދަޅު ކޭސް – ޓޫނާ މަސްދަޅު ޗަންކްސް އިން އޮއިލް/ބްރައިން
  • ސަޕްލައި އެމްވީ ބީ2ބީ ޕްލެޓްފޯމް މެދުވެރިކޮށް އެންޒީ ޓޫނާ އިން އޮއިލް/ބްރައިން ކޭސް، އެންޒީ ގިތެޔޮ މިރުސް ސޯސް އަދި އެންޒީ ރިހާކުރު ފުޅި
  • ތާޒާ ފެންފުޅި – 330މލ، 500މލ، 1500މލ އަދި 5ލ ފެން ފުޅީގެ ކޭސް (ކޮންމެ އޯޑަރަކަށް 5 ކޭސް)
  • ކޮންފޫޑްގެ އެޑިންބޮރޯ ސޯސް، ޖޫސް، ޖޭމް އަދި މިޔޯޖޯ ކަޕް ނޫޑްލްސް

ތަކެތިގެ ފައުންޑާ ޝަރީހާން ވިދާޅުވީ މޫލީގެ އެންމެ ކަމުދާ ކަމަކީ މާލެނޫން އެހެން ރަށްރަށުގައި އުޅޭ ކަސްޓަމަރުންނަށްވެސް ފަސޭހަކަމާއިއެކު ހިދުމަތް ފޯރުކޮށްދެވުން ކަމަށާއި މޫލީއިން ދޭ ޑޯ ޓު ޑޯ ޑެލިވަރީ ސާވިސްގެ ސަބަބުން، އުފެއްދުންތައް އެންމެ ރަނގަޅު ހާލަތުގައި ރައްކާތެރިކަމާއި އެކު ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން އޮންނަ ކަމަށާއި މޫލީއަށް ސައިން-އަޕްކުރުމަކީ ވަރަށް ފަސޭހަކަމެއް އަދި ކޮންޓެކްޓް-ލެސް ޕޭމަންޓް ސިސްޓަމްގެ ސަބަބުން އިތުރުކަމަކާއި ވިސްނަން ނުޖެހޭ ކަމަށެވެ.

މީގެ އިތުރުން ބްރޭންޑްލޫމް ބައި އެންމަކް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ނިޔާޒް ވިދާޅުވީ މޫލީގައި ބައިވެރިވުމަކީ ވަރަށް ފަސޭހަ އަދި ރަނގަޅު ފުރުސަތެއް ކަމަށާއި މިހާރުވެސް ވަރަށް ގިނަ ފަރާތްތަކަށް އެ ބްރޭނަޑްގެ އުފެއްދުން ފެނި، ކަމުގޮސްފައިވާނެކަން ޔަގީންކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިދުމަތް ފުޅާކޮށް، އުފެއްދުންތައް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހާ ވިޔަފާރިވެރިންނަށް މޫލީއިން ފޯރުކޮށްދެނީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި އުރީދޫ އިން ފޯރުކޮށްދީފައި މިވާ ނުހަނު ބޭނުންތެރި މުހިންމު ޕްލެޓްފޯމްގެ އަގުވަޒަންކޮށް މި އަގުހުރި މަސައްކަތް ބަލައިގަންނަ ކަމަށްވެސް ނިޔާޒް ވިދާލޫވިއެވެ.

މޫލީގައި ބައިވެރިވުމަކީ ވަރަށް ފަސޭހަ، ރަނގަޅު ފުރުސަތެއް. މިހާރުވެސް ވަރަށް ގިނަ ފަރާތްތަކަށް އަޅުގަނޑުމެންގެ އުފެއްދުން ފެނި، ކަމުގޮސްފައިވާނެކަން ޔަގީންކުރަން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޚިދުމަތް ފުޅާކޮށް، އުފެއްދުންތައް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހާ ވިޔަފާރިވެރިންނަށް މޫލީއިން ފޯރުކޮށްދެނީ ވަރަށް ރަނގަޅު ފުރުސަތެއް. އުރީދޫ އިން ފޯރުކޮށްދީފައި މިވާ ނުހަނު ބޭނުންތެރި މުހިންމު ޕްލެޓްފޯމްގެ އަގުވަޒަންކޮށް މި އަގުހުރި މަސައްކަތް ބަލައިގަންނަން
ނިޔާޒް

ވިޔަފާރި އޮންލައިންކުރުމަށް ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

މޫލީ އަކީ އޮންލައިން ޕޭމަންޓް، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ، އީޒީ ރިޓަރންސް އަދި ފެންވަރު ރަނގަޅު އުފެއްދުންތަކާއި އެކު، ކަސްޓަމަރުންނަށް ޔަގީންކަމާއިއެކު ވިޔަފާރިކުރުމުގެ ފަސޭހަކަން ފަހިކޮށްދޭ ޑިޖިޓަލް ޝޮޕިންގ ޕްލެޓްފޯމްއެކެވެ.

ކުދި ވިޔަފާރިތަކަށް މި ހާލަތުގައި ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދީ، މާލެ އާއި ހުޅުމާލޭގައި ވިޔަފާރި ހިންގުމަށާއި ކަސްޓަމަރުންނަށް މުއާމަލާތްކުރުމަށް އެހީތެރިވުމުގެގޮތުން، މޫލީއިން ވަނީ ޕްލެޓްފޯމް ފީ ނެގުންވެސް ހުއްޓާލާފައެވެ. މޫލީ މެދުވެރިކޮށް މިހާރު އެންމެ 24 ގަޑިއިރުގެ ތެރޭގައި ވިޔަފާރިތައް އޮންލައިންކޮށް ހިންގަން ފެށޭނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

އެ ޕްލެޓްފޯމްގެ ހާއްސަ ކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއިއެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއަރހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބުމެވެ. މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވަޔަފާރިތަކުގެ ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ފަހިވެފައެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީ އިންވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އެއީ ސޯޝަލް މީޑިއާ ޕޭޖެއް މެދުވެރިކޮށްކުރާ ވިޔަފާރިއެއް ކަމުގައިވިޔަސް، ސުޕަރމާރުކޭޓްއެއް ކަމުގައިވިޔަސް އަދި ކަންމަތީ ފިހާރައެއް ކަމުގައިވިޔަސް މޫލީއިން މަރުހަބާކިޔައެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް، މުޅިން ތަފާތު އީ-ކޮމަރސް ބާޒާރެއްގެ ގޮތުގައި 2019ގެ އޮގަސްޓްމަހު ތައާރަފްކުރެވުނު މޫލީ މެދުވެރިކޮށް، މިހާރުވެސް 10000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށްވަނީ ފޯރުކޮށްދެވިފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެފައި ކަމަށްވެސް އުރީދޫން ބުނެއެވެ.