ލޮކްޑައުން އަމުރާ ހިލާފް ވެގެން 169 ދިވެހިންނާއި 200 އަށް ވުރެ ގިނަ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ބޭއްވި ނުށްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މާލެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ލޮކްޑައުން އަމުރާ ހިލާފްވެގެން 169 ދިވެހިންނާއި 200އަށް ވުރެ ގިނަ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އިއްޔެ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވާ ޖުމްލަ މީހުންގެ އަދަދަކީ 3422 ކަމަށާއި އެއީ މާލެއިން 2948 މީހުންނާއި، ހުޅުމާލެއިން 395 މީހުންނާއި، ވިލިމާލެއިން 79 މީހުން ކަމަށެވެ. އަދި މިހާތަނަށް ލޮކްޑައުންގެ ހާލަތުގައި މަގުމަތީ އުޅެގެން ހައްޔަރުކޮށްފައި ވަނީ ޖުމްލަ 187 މީހުން ކަމަށްވެސް ފުލުހުން ބުނެއެވެ. އެއީ މާލެއިން 171 މީހުންނާއި ހުޅުމާލެއިން 14 މީހުންނާއި ވިލިމާލެއިން 2 މީހުންނެވެ.
އިއްޔެ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން 7 މީހަކު ހައްޔަރަު ކޮށް 157 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. އެ ގޮތުން އިއްޔެ ހައްޔަރު ކުރި 7 މީހުން ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ. އިއްޔެ ޖޫރިމަނާ ކުރި 157 މީހުންގެ ތެރެއިން މާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 132 މީހުންނެވެ. ހުޅުމާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 20 މީހުން އަދި ވިމާލެއިން 5 މީހުންނެވެ.
މާލެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ.