ކޮވިޑް-19 ފެތުރެމުންދާތީ މާލެ ލޮކްޑައުން ކޮށްފައިވާ ހާލަތުގައި ލޮކްޑައުންގެ އަމުރާ ހިލާފުވެ މަގުމައްޗަށް ނުކުންނަ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހެއް މައްޗަށެެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ޖޫރިމަނާކޮށް މިއަދާ ހަމައަށް ޖުމްލަ 3422 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އިއްޔެ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވާ ޖުމްލަ މީހުންގެ އަދަދަކީ 3422 ކަމަށާއި އެއީ މާލެއިން 2948 މީހުންނާއި، ހުޅުމާލެއިން 395 މީހުންނާއި، ވިލިމާލެއިން 79 މީހުން ކަމަށެވެ. އަދި މިހާތަނަށް ލޮކްޑައުންގެ ހާލަތުގައި މަގުމަތީ އުޅެގެން ހައްޔަރުކޮށްފައި ވަނީ ޖުމްލަ 187 މީހުން ކަމަށްވެސް ފުލުހުން ބުނެއެވެ. އެއީ މާލެއިން 171 މީހުންނާއި ހުޅުމާލެއިން 14 މީހުންނާއި ވިލިމާލެއިން 2 މީހުންނެވެ.
އިއްޔެ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން 7 މީހަކު ހައްޔަރަު ކޮށް 157 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. އެ ގޮތުން އިއްޔެ ހައްޔަރު ކުރި 7 މީހުން ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ. އިއްޔެ ޖޫރިމަނާ ކުރި 157 މީހުންގެ ތެރެއިން މާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 132 މީހުންނެވެ. ހުޅުމާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 20 މީހުން އަދި ވިމާލެއިން 5 މީހުންނެވެ.
މާލެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ.
ލޮކްޑައުންގެ އަމުރާ ހިލާފުވެގެން އިއްޔެ 157 އަދި މިދިޔަ ހޮނިހިރު ދުވަހު 210 މީހަކަށް ފިޔަވަޅު އަޅާފައިވެއެވެ. މިދިޔަ ހުކުރު ދުވަހު 229 މީހަކަށް އަދި ބުރާސްފަތި ދުވަހު 140 މީހަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. ހާއްސަ ހުއްދައެއް ނަަގައިގެން ބޭރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދެމުން ދާއިރުވެސް ކޮންމެ ދުވަހަކު އެހާ ގިނަ އަދަދަކަށް މީހުން ލޮކްޑައުންގެ އަމުރާ ހިލާފް ވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. ސިއްހީ މާހިރުން ގޭގައި ތިބުމަށް ނަސޭހަތް ދެމުން އަންނަ އިރު ރާއްޖޭގައި މިހާރު މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ 790 އަށް އަރާފައެވެ.