ފާއިތުވީ ގަރުނެއްހާ ދުވަހުގެ ތެރޭގައި ދުނިޔެ ނުދެކޭ ވަރުގެ ހިތްދަތި ބަލިމަޑުކަމަކާ ކުރިމަތިލާންޖެހިފައިވާ މިދަނޑިވަޅުގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ވިލާތު ބައްރުން އެންމެ ބޮޑުވެގެން ދިޔަ އިޓަލީވިލާތުގައި އެގައުމަށް ހާއްސަ ޕާސްތާ ފަހަތަށް ޖައްސާލުމަށްފަހު އެކި ކަހަލަ ބަތުގެ އުފެއްދުންތައް މަގުބޫލުވާން ފަށައިފިއެވެ.

ކަންމިހެން އޮތްއިރު، ޗައިނާވެސް މިހާރު ވަނީ އިޓަލީވިލާތުގައި އުފައްދާ ހަނޑުލުގެ ބާވަތްތައް ގަންނަން އެއްބަސްވުން އެކުލަވާލާފައެވެ.

ތަފާތު 200 ބާވަތެއްގެ ހަނޑޫ، އިޓަލީވިލާތުގައި ހައްދާއިރު، އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 1.5 މިލިއަން ޓަނުގެ ހަނޑޫ އެގައުމުން އުފައްދައެވެ. މިއީ މުޅި ދުނިޔެއަށް ބަލާއިރު އެންމެ 0.4 ޕަސެންޓްއެވެ. ހަނޑޫ އުފެއްދުމުގެ ސިނާއަތުގެ 90 ޕަސެންޓް ހިއްސާކުރަނީ އޭޝިއާއެވެ.

ކަންމިހެން އޮތް ނަމަވެސް ކޮވިޑް-19ގެ ލޮކްޑައުންނާއެކު އިޓަލީވިލާތުގައި ބަތަށް އޮތް ޑިމާންޑް 47 ޕަސެންޓް އިތުރުވެގެންދިޔައެވެ.