ފަސެންޖަރުން ގޮވައިގެން ކުރާ އާންމު ދަތުރުފަތުރުގެ ބައެއް ހިދުމަތްތައް އަންގާރަ ދުވަހު ފަށަން ހަމަޖެހިފައި ވާކަމަށް އިންޑިއަން ރެއިލްވޭޒް އިން ހާމަކޮށްފިއެވެ.

އިންޑިއަން ރެއިލްވޭޒްއިން ހާމަކޮށްފައި ވާ ގޮތުގައި 15 ރޫޓަކުން ކުރާ ރޭލު ދަތުރުތައް ފަށަން ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ވެރިރަށް މުމްބާއީ އާއި ވިޔަފާރި މަރުކަޒީ ރަށް ކަމަށްވާ މުމްބާއީއާއި ދެމެދު ކުރާ ދަތުރުތައް ހިމެނޭ ކަމަށް ރޭލުދަތުރުތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ފުރުސަތު އޮތް ވަރަކުން އެހެން ދާއިރާތަކުގެ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ރޭލު ދަތުރުތައް އަލުން ފަށާއިރު އެންމެ ބޮޑު ސަމާލުކަން ދިނުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19ގެ ކެއާ ސެންޓަރުތަކުގެ ގޮތުގައި ހަމަޖެއްސި 20000 އެއްހާ ކޯޗަށް ކަމަށާ، އެއަށްފަހު ދުވާލެއްގެ މައްޗަށް 300 އެއްހާ ރޭލު ދަތުރަށް ފުރުސަތު ދެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ. މި ދަތުރުތަކަކީ އިންޑިއާގެ އެކި ހިސާބުތަކުގައި ތާށިވެފައިވާ ހިޖުރަވެރި މަސައްކަތްތެރިން، އެމީހުންގެ އަމިއްލަ ވަޒަނަށް ދިއުމަށް ފުރުސަތު ފަހިކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރާ ދަތުރުތަކެއް ކަމަށް ވުޒާރާގެ ބަޔާނުގައިވެއެވެ.

ރޭލު ދަތުރުކުރުމުގެ ހުއްދައަށް އެދި ހާއްސަ ޓިކެޓެއް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ގަންނަންޖެހެއެވެ. މި ޓިކެޓް ނެތް މީހުންނަށް ރޭލު ސްޓޭޝަންތަކަށްވެސް ނުވަދެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ. އަންގާރަ ދުވަހު ދަތުރުތައް ފެށުމުގެ ކުރިން ހުރިހާ ފަސެންޖަރުންގެ ހުން ހުރިތޯވެސް ބަލާނެ ކަމަށާ، ރޭލަށް އެރުމަށް ފުރުސަތު ދެވޭނީ، ބަލީގެ އެއްވެސް ނިޝާނެއް ފެންނަން ނެތް މީހުންނަށް ކަމަށްވެސް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރު ހުރިހާ ފަސެންޖަރުންވެސް ތިބެންޖެހޭނީ މާސްކު އަޅައިގެން ކަމުގައި ވަނީ ހަމަޖައްސާފައެވެ.

167 އަހަރަށްފަހު އިންޑިއަން ރެއިލްވޭޒްގެ ދަތުރުތައް ފުރަތަމަ ފަހަރަށް މެދުކަނޑާލީ މިއަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާގެ ސަރުކާރުން އިއުލާންކުރި ހަރުކަށި، ލޮކްޑައުންގެ އަމުރާ އެކުގައެވެ. އިންޑިއާގެ މިހާރު ތަންފީޒު ކުރަމުންދާ ލޮކްޑައުން އަމުރުގެ މުހުލަތު ހަމަވާނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު، މިއަދު އެކަނިވެސް 98 މީހަކު ވަނީ ކޮވިޑް-19 ޕޮޒިޓިވްވެފައެވެ. އިންޑިއާއިން މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 67259 އަށް އަރާފައިވާއިރު، އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ 44078 ކޭހެވެ. އިންޑިއާއިން މިހާތަނަށް 1.6 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19އަށް ޓެސްޓު ކޮށްފައެވެ. މިއީ އާބާދީގެ ނިސްބަތުން ބަލާއިރު ކޮންމެ 1 މިލިއަން މީހުންގެ ތެރެއިން 1213 މީހުންނެވެ. އިންޑިއާއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2212 އަށް އަރާފައެވެ.