ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ނިއުޒީލަންޑްގައި ތަންފީޒު ކުރަމުންދާ ލޮކްޑައުން އަމުރަށް ލުއި ދިނުމަށް ހަމަޖެހިފައި ވަނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖެސީންޑާ އެޑާން ހާމަކުރައްވައިފިއެވެ.

ނިއުޒީލަންޑަކީ ކޮވިޑް-19އާ ދެކޮޅަށް މުޅި ދުނިޔެ ކުރަމުންދާ ހަނގުރާމާގައި މިހާތަނަށް އެންމެ ވަރުގަދަ ކާމިޔާބީއެއް ހޯދަމުންދާ އެއް ގައުމަށް ވާއިރު، އެ ގައުމުގައި ތަންފީޒު ކުރަމުންދާ ލޮކްޑައުންގެ އަމުރަށް ލުއި ދިނުމަށް ހަމަޖެހިފައި ވަނީ މައިގަނޑު 3 ބަޔަކަށް ބަހާލައިގެން ކަން ފާހަގަ ކުރަން ޖެހެއެވެ.

  • މެއި 14 – ކެފޭ، ފިލްމް ތިއޭޓަރު، ފިހާރަ، މޯލް، ރެސްޓޯރަންޓްތައް އަލުން ހުޅުވުން. 10 ބައިވެރިންނަށް ވުރެ އިތުރު ނުވާ އެއްވުން ތަކަށް ފުރުސަތު ދެވޭނެ. ނިއުޒީލަންޑްގައި ތިބި އެގައުމުގެ ރައްޔިތުންނާ ރަށްވެހިންނަށް ގައުމު ތެރޭގައި ދަތުރުފަތުރު ކޮށް އުޅުމުގެ ފުރުސަތު ހުޅުވާލެވޭނެ
  • މެއި 18 – ސްކޫލްތައް އަލުން ހުޅުވުން
  • މެއި 21 – ބާ ތައް އަލުން ހުޅުވުން

ނިއުޒީލަންޑްގެ މަސްރަހުން ލިބިފައިވާ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު މިއަދު 3 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދަކީ 1497 އެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 90 މީހެއް ފާހަގަކޮށްފައި ވާއިރު، 2 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކައެވެ. މި ބަލީގައި ނިއުޒީލަންޑުން 21 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ނިއުޒީލަންޑްގައި މިހާތަނަށް 194191 ސާމްޕަލްއެއް ކޮވިޑް-19އަށް ޓެސްޓު ކޮށްފައި ވާއިރު، އާބާދީގެ ކޮންމެ 1 މިލިއަން މީހަކުން 40270 މީހަކު ވަނީ ކޮވިޑް-19އަށް ޓެސްޓު ކޮށްފައެވެ.