ކޮވިޑް-19 ފެތުރެމުންދާތީ މާލެ ލޮކްޑައުން ކޮށްފައިވާ ހާލަތުގައި ލޮކްޑައުންގެ އަމުރާ ހިލާފުވެ މަގުމައްޗަށް ނުކުންނަ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހެއް މައްޗަށެެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ޖޫރިމަނާކޮށް އަދި ބައެއް ފަރާތްތައް ހައްޔަރު ކުރި ނަމަވެސް މަގުމައްޗަށް ނުކުމެ އުޅޭ މީހުންގެ އަދަދު މަދު ނުވާ ކަމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫންހެއްޔެވެ.
ލޮކްޑައުންގެ އަމުރާ ހިލާފަށް މަގުމައްޗަށް ނުކުމެގެން އިއްޔެ ވެސް ވަނީ 210 ފަރާތަަކަށް ފުލުހުން ފިޔަވަޅު އަޅާފައެވެ.
ފުލުހުން ބުނީ، އިއްޔެ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން 9 މީހަކު ހައްޔަރަު ކޮށް 201 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ ގޮތުން އިއްޔެ ހައްޔަރު ކޮށްފައި ވާ 9 މީހުންނާ އެކު މިހާރު ޖުމަލް ހައްޔަރު ކުރި މީހުންގެ އަދަދު ވަނީ 180 އަށް އަރާފައެވެ. އިއްޔެ ހައްޔަރު ކުރި 9 މީހުން ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ.
އިއްޔެ ޖޫރިމަނާ ކުރި 201 މީހުންގެ ތެރެއިން މާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 177 މީހުންނެވެ. ހުޅުމާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 22 މީހުން އަދި ވިމާލެއިން 2 މީހުން ކަމަށް ފުލުހުން ބުނެއެވެ.
މާލެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ. އެ ދުވަހުން ފެށިގެން ލޮކްޑައުންގެ ހާލަތުގައި މަގުމަތީ އުޅެގެން ހައްޔަރުކޮށްފައި ވަނީ ޖުމްލަ 180 މީހުންނެވެ. އެއީ މާލެއިން 164 މީހުންނާއި ހުޅުމާލެއިން 14 މީހުންނާއި ވިލިމާލެއިން 2 މީހުންނެވެ.
ހަމައެފަދައިން ޖޫރިމަނާ ކޮށްފައިވާ ޖުމްލަ މީހުންގެ އަދަދަކީ 3265 އެވެ. އެއީ މާލެއިން 2816 މީހުންނާއި، ހުޅުމާލެއިން 375 މީހުންނާއި، ވިލިމާލެއިން 74 މީހުންނެވެ.
ލޮކްޑައުންގެ އަމުރާ ހިލާފުވެގެން އިއްޔެ 210 މީހަކަށް ފިޔަވަޅު އަޅާފައިވާ އިރު ހުކުރު ދުވަހު 229 މީހަކަށް އަދި ބުރާސްފަތި ދުވަހު 140 މީހަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. ހާއްސަ ހުއްދައެއް ނަަގއިގެން ބޭރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދެމުން ދާއިރުވެސް ކޮންމެ ދުވަހަކު އެހާ ގިނަ އަދަދަކަށް މީހުން ލޮކްޑައުންގެ އަމުރާ ހިލާފް ވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. ސިއްހީ މާހިރުން ގޭގައި ތިބުމަށް ނަސޭހަތް ދެމުން އަންނަ އިރު ރާއްޖޭގައި މިހާރު މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ 790 އަށް އަރާފައެވެ.