އިންޑިއާގެ ކެމިކަލް ޕްލާންޓްއަކުން މިދިޔަ ބުރާސްފަތި ދުވަހު ވިހަ ގޭސް ލީކުވެ، ބައެއްގެ ފުރާނަ ގެއްލި، އަނެއް ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ މައްސަލާގައި، އެ ޕްލާންޓް ބަންދުކޮށްދިނުމަށް އާންމު ރައްޔިތުން ކުރަމުންދާ ޑިމާންޑްތައް ވަރުގަދަކޮށްފިއެވެ.

އެގޮތުން އާންމުންގެ ބަޔަކު ވަނީ، ސަލާމަތީ ބާރުތަކުގެ ބެރިކޭޑްތައް ފޫ އަޅުވާލުމަށްފަހު، ހާދިސާގައި މަރުވި މީހުންގެ ހަށިތައް ހިފައިގެން އެ ޕްލާންޓް ހުރި ސަރަހައްދަށް ވަދެ، އެ ތަން ބަންދު ކުރުމަށް ޑިމާންޑްކޮށްފައެވެ.

އިންޑިއާގެ ސިނާއީ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ވިސާކަޕަޓްނަމް ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގި ގޭސް ލީކުވުމުގެ ހާދިސާގައި 12 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، އެތައް ސަތޭކަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ހާދިސާ ހިނގި ސަރަހައްދުން ސަލާމަތްވާން އުޅުމުގެ ތެރޭގައި ބަޔަކަށް އަނިޔާވިއިރު، އަނެއް ބައެއްގެ ހެޔަށްވެސް ގޮތްވިކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާއި ގުޅިގެން ރުޅިގަދަވެފައި ތިބި 300 އެއްހާ މީހުން ޕްލާންޓަށް ގޮސް ނުރުހުން ފާޅުކުރަމުން ދިޔަ ވަގުތަކީ، އެ ޕްލާންޓްގެ ރައްކާތެރިކަމުގެ މިންގަނޑު ހުރި ގޮތެއް ވަޒަން ކުރުމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުން ހާއްސަ ޓުއާއެއް އަޅަމުންދިޔަ ވަގުތެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ޕްލާންޓްއަކީ ދެކުނު ކޮރެއާގެ އެލްޖީ ކެމް ކުންފުނީގެ ޕްލާންޓްއެއް ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ، ގަސްތުގައި މީހުން މެރިކަމުގެ ކުށާ ގުޅުން ހުރި ތަހުގީގެއް ފަށާފައެވެ. މީގެ އިތުރުން އިންޑިއާގެ ތިމާވެއްޓާ ބެހޭ ޓްރައިބިއުނަލްއިން މިހާރުވެސް ވަނީ ގާތްގަނޑަކަށް 2.6 މިލިއަން ޑޮލަރުގެ އިބްތިދާއީ ޖޫރިމަނާއަކުން ޕްލާންޓްގެ ވެރި ކުންފުނި ޖޫރިމަނާ ކޮށްފައެވެ.

އިންޑިއާގެ ފުލުހުން ބުނީ މި ޕްލާންޓްއަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އިންޑިއާގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަމުރާއެކު ވަގުތީ ގޮތުން މަސައްކަތްތައް ހުއްޓާލާފައިވާ ޕްލާންޓްއެއް ކަމަށެވެ. އަދި ބެލެވޭ ގޮތުގައި ގޭސް ލީކުވެފައިވަނީ ބާކީ ގޭސް ހުރި ޓޭންކަރެއް އޯވާހީޓްވުމުގެ ސަބަބުން ކަމަށްވެސް އިންޑިއާގެ ފުލުހުންވަނީ ހާމަކޮށްފައެވެ.

އެލްޖީ ކެމް ކުންފުނިންވެސް ވަނީ ހާދިސާ ހިނގި ވަގުތަކީ ޕްލާންޓް އޮޕަރޭޓް ކުރަމުންދިޔަ ވަގުތެއް ނޫންކަމަށް ބުނެފައެވެ. ނަމަވެސް، އެ ފެސިލިޓީގެ އެކި ކަންކަން ބެލެހެއްޓުމަށް ޕްލާންޓްގައި ކޮންމެވެސް ވަރަކަށް މެއިންޓަނަންސް ސްޓާފުން ހަރަކާތްތެރިވަމުންދިޔަކަން އެ ކުންފުނިންވަނީ ހާމަކޮށްފައެވެ.

ބުރާސްފަތި ދުވަހުގެ ހާދިސާއާއިއެކު އިންޑިއާގެ ގިނަ ބަޔަކު ދަނީ 1984 ވަނަ އަހަރުގެ ބޯޕާލް ގޭސް ލީކު ހިތި ހަނދާންތައް އާ ކުރަމުންނެވެ. އެ ފަހަރުގެ ހާދިސާގައި 3500 އެއްހާ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.