ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކޮމްޕްރޮމައިޒް ކޮށްގެން ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލު ކޮށްލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ކްލަބެއްގެ ތެރޭގައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެ އެކަމަށް ބައެއް މީހުން ފާޑު ކިޔަމުން ގެންދާތީ އެކަމާ ގުޅިގެން ނަޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމިޝަނަރު އޮފް ޕޮލިސް ކޮމްޕްރޮމައިޒް ކޮށްގެން ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށް، ވައްކަމާއި ކޮރަޕްޝަން ހިންގާފައިވާ ފަރާތްތަކާއި ހައްދުފަހަނަ އެޅި ފިކުރުގެ މީހުން ރެކި ތިބެ ސަރުކާރު ހިސޯރު ކުރުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި ސީޕީ ހަމީދަކީ އިހުލާސްތެރި ބޭފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ކޮމިޝަނަރު މުހައްމަދު ހަމީދު ދިފާއު ކުރައްވާފައިވާއިރު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާއި ދެކޮޅަށް ރިޕޯޓެއް ނެރެފައިވާ މައްސަލާގައި އެކަމުގެ އިސް މޭސްތިރިން ހައްޔަރު ނުކުރެވޭތީ ވެސް ކޮމިޝަނަރު އޮފް ޕޮލިސް އަށް އަންނަނީ ފާޑު ކިޔަމުންނެވެ. އަދި އެމަނިކުފާނަކީ އެމްޑީއެންގެ ބޯޑުގައި އިންނަވާ ބޭފުޅެއް ކަމަށްވެސް ގިނަބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.