ކޮވިޑް19 އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމުގައި އެހީތެރިވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް ބިލް ދެއްކުމަށް ލުއިފަސޭހަ ކަމެއް ގެނެސްދޭނެ ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދީފިއެވެ.

އެގޮތުން ބިލައް ފައިސާ ދެއްކުމުގައި ދަތިތަށް ކުރިމަތިވެފައިވާ ނަމަ، ފައިސާ ދެއްކުމުގެ މުއްދަތު ބިލް ތައްޔާރުކުރާ ދުވަހުން ފެށިގެން ދެމަސް ދުވަހަށް އިތުރުކުމަށް އެދުމުގެ ފުރުސަތު އުރީދޫ އިން ވަނީ ދީފައެވެ.

މި ދަނޑިވަޅުގައި މާލީ ދަތިކަން ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް، ބިލަށް ފައިސާ ދެއްކުމުގެ ޕްލޭންތަކާއި އެހެނިހެން ލުއިފަސޭހަކަން ރިކުއެސްޓްކޮއްލުމުން ހަމަޖައްސައިދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ކޮވިޑް19 އާއި ގުޅިގެން ދިމާވި ކަންކަމުގައި ވަޒީފާ ގެއްލުނުކަމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް، އެކަމަށް ހައްލެއް ނުލިބެނީސް ނުވަތަ އެ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ލިބޭނެ އިތުރު ގޮތެއް ފަހިނުވާކަމުގައިވާ ނަމަ، އުރީދޫ ބިލްތަށް ދައްކާފައި ނުވި ކަމުގައިވިއަސް ޖޫން 2020 ގެ ނިޔަލަށް އެފަރާތްތަކުގެ ޙިދުމަތް ކަނޑާ ނުލާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

މާލީ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަސަޓަމަރުން ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރުމަށް http://ore.do/billsupport މެދުވެރިކޮށް ރިކުއެސްޓްކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން އަންނަނީ ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ގޭގައި ތިބޭއިރު އިންޓަނެޓު ބޭނުން ކުރުމުގައި ހާއްސަ ޕެކޭޖުތަކެއް ތައާރަފު ކޮށްފައެވެ.

"މި ނާޒުކު ދަނޑިވަޅުގައި، އެންމެހާ ފަރާތްތަކަށްވެސް ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދެވޭކަން ޔަގީންކުރުމަށްޓަކައި، ސަރުކާރުން ޚިދުމަތްދޭ ފަރާތްތަކާއި ގުޅިގެން ވަރަށް ގާތުން މިދަނީ މަސައްކަތްކުރަމުން. ޑިޖިޓަލް ޚިދުމަތްތަކުގެ ބޭނުން އިހުނަށްވުރެ މުހިންމު ވެފައިވާ މި ދުވަސްވަރު، ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެވޭކަން ޔަގީންކުރުމަށްޓަކައި އުރީދޫ މޯލްޑިވްސްއިން މުހިންމު ފިޔަވަޅެއް ނެންގެވީތީ، އެ ކުންފުންޏަށް ޝުކުރު އަދާކުރަން. ޔަގީނުންވެސް މާލީ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް މިކަމާއި އެކު ލިބިގެންދާނެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމާއި ކޯޕަރޭޓް ދާއިރާއަށް ލިބުނު ގެއްލުމާއި ގުޅިގެން، ޓެލެކޮމިއުނިކޭޝަން ހިމެނޭގޮތަށް، ވަރަށް ގިނަ ދާއިރާތަކަށް ވަނީ އަސަރުކޮށްފައި. ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، ކަސްޓަމަރުންނާއި އެމަރޖެންސީ ރެސްޕޮންސް ޓީމްތަކަށް ފޯރުކޮށްދެވޭ އެހީތެރިކަން ސަރުކާރުން ފާހަގަކުރަން. "
މިނިސްޓަރު ފައްޔާޒު

"ކޮވިޑް-19 ގެ ސަބަބުން، މީގެ ކުރިން ކުރިމަތިލާން ޖެހިފައިނުވާ ގޮންޖެހުންތަކާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިދަނީ ކުރިމަތިލަމުން. ކުންފުންޏަށް ދިމާވެފައިވާ އުނދަގޫތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭ ކަމަކީ ކަސްޓަމަރުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުން. ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެކަހެރިވެ އުޅެންޖެހިފައިވާ މި އައު ދިރިއުޅުމުގައި، އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް، މުހިންމު މައުލޫމާތާއި ހަބަރުތަކަށް ވާސިލްވުމުގައި ޓެލެކޮމިއުނިކޭޝަންގެ މުހިއްމު ދައުރެއް އޮތްކަން ގަބޫލުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު އަދި ފަސޭހަކަމާއިއެކު ލިބިގަނެވޭނެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޓީމުން ދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން. " އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން، ކޯވިޑް-19 ޕެންޑެމިކްއާއި ގުޅިގެން މުޖުތަމައުއަށް ދިމާވަމުންދާ ދަތިތަކާއި މައްސަލަތަކަށް ލުއިފަސޭހަ ގޮތްތަށް ހޯދާދިނުމުގައި ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ކަސްޓަމަރުންނަށް ޚާއްސަ އޮފަރތަކާއި، އިމަރޖެންސީ ރެސްޕޯންސް ޓީމްތަކަށް ހިލޭ ކަނެކްޝަން ގެ އިތުރުންވެސް އެހެނިހެން އެހީތައް އުރީދޫ މޯލްޑިވްސްއިން ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، އަވަސް އެހީ އަށް ބޭނުންވެފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް އެކި އެކި ދާއިރާތަކުގެ ޕާރޓްނަރުންނާއި ގުޅިގެން ތަފާތު މަސައްކަތްތަކެއްވެސް ކުންފުނިން ދަނީ ކުރަމުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ނަގައިފައިވާ ފިޔަވަޅުތަކުގެ އިތުރު ތަފްސީލް www.ooredoo.mv/covid-19 އަށް ޒިޔާރަތް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.