ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމާ އެކު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ގަތުމަށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް އެސްޓީއޯއިން ހުޅުވާލި އޮންލައިން ކޮށް މުދާ ގަނެވޭ އީސްޓޯރުން ރީޓެއިލް ކޮށް މުދާ ވިއްކުން މަޑުޖައްސާލައި ހޯލްސޭލް ކުރަން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ، އެސްޓީއޯ އީސްޓޯރުގެ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެހިދުމަތުގައި ހަރަކާތްތެރިވާ ގިނަ މުވައްޒަފުން ތަކެއް ކަރަންޓީން ވުމާ ގުޅިގެން އީސްޓޯރުގެ ހިދުމަތް މިވަގުތު މެދުކަނޑާލާފައި ވާ ކަމަށެވެ. ނަމަވެސް އެސްޓީއޯއިން ވިއްކާ މުދަލުގެ ބާވަތްތައް މެދުކެނޑުމެއްނެތި ވީހާވެސް ގިނަ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، އީސްޓޯރު މެދުވެރިކޮށް ރީޓެއިލް ފިހާރަތަކަށް ހޯލްސޭލްކޮށް މުދާ ވިއްކުމަށް ހުޅުވާލައިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެގޮތުން ކޮންމެ ރެއެއްގެ 9:00 އިން ފެށިގެން އޯޑަރު ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި މިވަގުތަށް އީސްޓޯރުގައި ހިމެނިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓްގެ ހޮވާލެވިފައިވާ ވަކި ބާވަތްތަކެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ކޮންމެ ފަރާތަކަށްވެސް ފަހަރަކު ބައްލަވައިގަނެވޭނީ މަދުވެގެން 5 އަދި ގިނަވެގެން 30 ބާވަތުގެ މުދާ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

އީސްޓޯރުގެ ފަންކްޝަންސްތައް ފެންނަ ކުރެހުމެއް

މުދަލަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ. މުދާ ޑެލިވަރީ ކުރުމަށް 24 ގަޑިއިރާ 48 ގަޑިއިރާ ދެމެދުގެ ވަގުތެއް ނަގާއިރު ޑެލިވަރީ ފީއެއްގެ ގޮތުގައި 50 ރުފިޔާ ނެގޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މުދާ ފޯރުކޮށްދެވޭނީ ފިހާރަ ހިމެނޭ އިމާރާތުގެ ބޭރަށް ކަމަށް ވެސް އެފަރާތުން ބުނެއެވެ.