ކޮވިޑް-19 ފެތުރެމުންދާތީ މާލެ ލޮކްޑައުން ކޮށްފައި ވާ ހާލަތުގައި ލޮކްޑައުންގެ އަމުރާ ހިލާފު ވެފައިވާ 229 ފަރާތަަކށް ފުލުހުން ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ބުނީ، އިއްޔެ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން 9 މީހަކު ހައްޔަރަު ކޮށް 220 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ ގޮތުން އިއްޔެ ހައްޔަރު ކޮށްފައި ވާ 9 މީހުންނާ އެކު މިހާރު ޖުމަލް ހައްޔަރު ކުރި މީހުންގެ އަދަދު ވަނީ 171 އަށް އަރާފައެވެ. އިއްޔެ ހައްޔަރު ކުރި 9 މީހުންގެ ތެރެއިން 6 މީހުން ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ. އަދި ބާކީ ތިން މީހުން ހައްޔަރަުކޮށްފައި ވަނީ ހުޅުމާލެއިންނެވެ.

އިއްޔެ ޖޫރިމަނާ ކުރި 220 މީހުންގެ ތެރެއިން މާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 196 މީހުންނެވެ. ހުޅުމާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 16 މީހުން އަދި ވިމާލެއިން 8 މީހުން ކަމަށް ފުލުހުން ބުނެއެވެ.

މާލެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ. އެ ދުވަހުން ފެށިގެން ލޮކްޑައުންގެ ހާލަތުގައި މަގުމަތީ އުޅެގެން ހައްޔަރުކޮށްފައި ވަނީ 171 މީހުންނެވެ. އެއީ މާލެއިން 155 މީހުންނާއި ހުޅުމާލެއިން 14 މީހުންނާއި ވިލިމާލެއިން 2 މީހުންނެވެ.

ހަމައެފަދައިން ޖޫރިމަނާ ކޮށްފައިވާ ޖުމްލަ މީހުންގެ އަދަދަކީ 3064 އެވެ. އެއީ މާލެއިން 2639 މީހުންނާއި، ހުޅުމާލެއިން 353 މީހުންނާއި، ވިލިމާލެއިން 72 މީހުންނެވެ.