ނ. އަތޮޅު ސޮނެވާ ޖާނީ ރިސޯޓުގައި މަސައްކަތް ކުރާ މީހަކު މޫދައް ވެއްޓި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ، އެ ރިސޯޓުގައި މަސައްކަތް ކުރާ މީހަކު އެ ރިސޯޓުގެ ވިލާ އެއްގައި މަސައްކަތް ކުރަނިކޮށް މޫދަށް ވެއްޓި މަރުވެފައި އޮއްވާ ފެނިފައިވާ މައްސަލައެއް މިރޭ 20:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

އެ ހާދިސާގައި މަރުވީ ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ބިދޭސީ މީހާ އަކީ ކޮން ގައުމެއްގެ އަދި ކޮން އުމުރެއްގެ މީހެއް ކަމެއް ނުބުނެއެވެ. އެ މައްސަލަ އިތުރަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިސޯޓުތަކުގައި މިފަދަ ތަފާތު ހާދިސާތައް ހިނގަމުން ދާއިރު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި، ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުގެ މުދިމު މޫދަށް ފުންމާލައިގެން ގެއްލިފައިވާ މައްސަލައެއް ވެސް ވަނީ ހިނގާފައެވެ.

މިހާދިސާގައި ގެއްލުނު މުދިމު އަދިވެސް ނުފެނެއެވެ.