ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އެސްޓީއޯ ކާޑު ގުދަން ތަކުގައި މަސައްކަތް ކުރާ 3 ސްޓާފަކު ހިމެނޭތީ އެތަންތަން ޑިސްއިންފެކްޓް ކޮށް އަލުން މަސައްކަތް ފަށައިފިއެވެ.

ކޮވިޑަށް ޕޮޒިޓިވް ވި މީހުން ރޭ އިއުލާނު ކުރި ލިސްޓުގައި އެ 3 މުވައްޒަފުން ހިމެނޭ ކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.

އެސްޓީއޯއިން ދަނީ ރާއްޖޭގައި ފެތުރެމުންދާ ކޮވިޑާ ގުޅިގެން ރާއްޖެ ކާޑަށް ޖެހުނަ ނުދީ ބޭނުންވާ މިންވަރަށް ކާޑު އެތެރެ ކުރަމުންނެވެ. އަދި އެ މަސައްކަތް އަމަލީ ގޮތުން ކުރުމުގައި ދިވެހިންގެ އިތުރު ބިދޭސީން އުޅެއެވެ.

ކޮރޯނާވައިރަސް ނުވަތަ ކޮވިޑަށް 3 މީހަކު ޕޮޒިޓިވް ވުމާއެކު، ސްޓާފް ކުއާޓާޒް އާއި ވެހިކަލް ގަރާޖާއި ސްޓޭޕަލް ފުޑް ގޯޑައުންއާއި ސުޕަމާޓު ގުދަން ތަކާއި އޮޕަރޭޝަންސްތަކުގައި ބޭނުން ކުރާ ވެހިކަލްތައް ވެސް ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.

އެސްޓީއޯގެ ކާޑު ގުދަނުގެ ހިދުމަތް އަލުން ފަށާފައި ވާއިރު، މީގެ ކުރިންވެސް އެސްޓީއޯގެ 2 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އެއީ، އެތާނގެ ޑެލިވަރީ ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފަކާއި ސެކިއުރިޓީގައި މަސައްކަތް ކުރާ މުވައްޒަފަކެވެ.

ރާއްޖޭގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުން ދާއިރު ފްރަންޓްލައިންގައި މަސައްކަތް ކުރާ މުއައްސަސާތަކުގެ ތެރެއިން އެއް މުއައްސަސާއަކީ އެސްޓީއޯ ކަމަށް ވާއިރު، މިހާރުވެސް އެސްޓީއޯގެ 31 މުވައްޒަފަކު ކަރަންޓީމުގައި އެބަ ތިއްބެވެ. އެމީހުން ކަރަންޓީނު ކޮށްފައިވަނީ ގުޅީފަޅުގައެވެ.