ހިސާބުތައް ދައްކާ ގޮތުން ކުރިޔަށް އޮތް ދެ ހަފްތާގައި މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު އިންތިހާއަށް މައްޗަށް ގޮސްދާނެތީ، މާލެއަށް މީހުން އައުން ރަނގަޅު ނޫން ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި އެ މަސައްކަތަކަށް މަޑު ޖެހުމެއް އައިސްދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ސަބަބެއް ކަމަށް މަބްރޫކް ފާހަގަ ކުރެއްވީ ކުރިޔަށް އޮތް ދެ ހަފްތާގައި ކޮވިޑް19 މިހާރު ފެތުރިފައިވާ މިންވަރަށް ވުރެ ބޮޑަށް ރާއްޖޭގައި ފެތުރިދާނެ ކަމަށް ސިއްހީ މާހިރުން ލަފާ ކޮށްފައި އޮތުމުންނެވެ.

މަބްރޫކް ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ދިވެހި ކިޔަވާ ކުދިން ތިބި ގައުމުތަކުން ކޮވިޑް19 ފެނިފައިވީ ނަމަވެސް މި ދުވަސްވަރު އެންމެ ރަނގަޅު ގޮތަކީ އެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކަށް ބޯ ލެނބުން ކަމަށެވެ.

މަބްރޫކް މިފަދައިން ވިދާޅުވިއިރު ކުރިޔަށް އޮތް ދެ ހަފްތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވެފައެވެ.

އެހެންކަމުން ކުރިއަށް އޮތް ދެ ހަފުތާއަކީ ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ދުވަސްކޮޅުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދުވެސް އެހާމެ ބޮޑު ކަމަށެވެ.