ކަނބާލި ފަރުގައި ބިދޭސީ އަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެމީހާ ކޮވިޑް19 އަށް ޓެސްޓު ކުރާނެ ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ކަނބާލި ފަރުގައި ބިދޭސީ އަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އަދި އެމީހާ މަރުވެފައި އޮތް ސަބަބު ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ. އިތުރަށް މަބްރޫކް ވިދާޅުވީ އެމީހާ މާލެ ގެނައުމުގެ މަސައްކަތް ކުރާ ކަމަށާއި އެމީހާ ކޮވިޑް19 އަށް ޓެސްޓު ކުރާނެ ކަމަށެވެ.

ކަނބާލި ފަރުގައި ބިދޭސީ އަކު މަރުވެފައި އޮއްވާ ފެނުނުއިރު މިއަދު ރާއްޖެއިން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވި ބިދޭސީ އަކު މަރުވެފައެވެ.

ނަމަވެސް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މޫސާ އަލީ ވަނީ ބަންގްލަދޭޝް މީހާ މަރުވީ ސިކުނޑިއަށް ލޭ އެޅިގެން ކަމަށް ވިދާޅުވެފައެވެ. މަރުވި ބަންގްލަދޭޝް މީހާއަށް ކޮވިޑް ޖެހިފައި ހުރިކަން އެނގުނީ، ފިޓް ޖެހިގެން ހޮސްޕިޓަލަށް ގެންދިއުމުން ހެދި ޓެސްޓް ތަކުން ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވާ ވާހަކަދައްކަވަމުން ޑރ. މުހައްމަދު ފައިޝަން ވިދާޅުވީ، ސިކުނޑިއަށް ލޭ އެޅުމުގައި، މަރުވި މީހާގެ ސިއްހީ އެހެން މައްސަލައެއް ކުރިން ހުރުމަކީވެސް އެކަށީގެން ކަމެއް ކަމަށާ، އަދި ކޮވިޑާ ގުޅުން ހުރި އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އެެހެން ކަމުން އޭނާ މަރުވީ ސްޓްރޯކެއް ޖެހި ސިކުނޑިއަށް ލޭ އެޅިގެން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ. އޭގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުންނެވެ.