ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން އިތުރު ދެ މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މީގެކުރިން ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 18 އެވެ. ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 20އަށް އަރާފައިވާ ކަމަށެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ބަލިން ރަނގަޅުވި ދެ މީހުންނަކީ ސިފައިންގެ މީހަކާއި ލިލީ ކުންފުނީގައި މަސައްކަތް ކުރާ މީހެކެވެ. މި ދެމީހުން ވަނީ ޑަބަލް ނެގެޓިވް ވެފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ފެނުނީ މިދިޔަ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެއަށް ފަހު މަދު މަދުން މި ބައްޔަށް ޕޮޒިޓިވް ވާ މީހުން ރާއްޖެއިން ފެނުނު ނަމަވެސް އެހާ ބޮޑަކަށް އެބަލި ރާއްޖެއަކު ނުފެތުރެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހަލުވި މިނުގައި މިބަލި ފެތުރެން ފަށާފައި މިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ދިވެއްސެއްގެ ގައިން މި ބަލި ފެނުމާއި އެކުގައެވެ. މިއަދު އެކަނިވެސް 22 މީހަކަށް މިބަލި ޖެހިފައިވާއިރު މުޅި ޖުމްލަ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި އަދަދު ވަނީ 573 އަރާފައެވެ.