ރާއްޖެއިން އިތުރު 16 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ރާއްޖެއިން 9 ދިވެއްސަކާއި ބަންގްލަދޭޝް 6 މީހެއްގެ އިތުރުން ލަންކާ ރައްޔިތަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދު ވަނީ މީގެކުރިން 6 މީހަކުވެސް ޕޮޒިޓިވްވެފައެވެ. އެހެންކަމުން ފަހުން ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން މިއަދު އެކަނިވެސް 22 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

މިއާއި އެކު މުޅި ރާއްޖެއިން މި ބައްޔަށް މިވަނީ 573 މީހަކު ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 18 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި ދެ މީހަކު ރާއްޖެއިން ވަނީ މަރުވެފައެވެ. އެއީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

ނަމަވެސް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މޫސާ އަލީ ވަނީ ބަންގްލަދޭޝް މީހާ މަރުވީ ސިކުނޑިއަށް ލޭ އެޅިގެން ކަމަށް ވިދާޅުވެފައެވެ. މަރުވި ބަންގްލަދޭޝް މީހާއަށް ކޮވިޑް ޖެހިފައި ހުރިކަން އެނގުނީ، ފިޓް ޖެހިގެން ހޮސްޕިޓަލަށް ގެންދިއުމުން ހެދި ޓެސްޓް ތަކުން ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވާ ވާހަކަދައްކަވަމުން ޑރ. މުހައްމަދު ފައިޝަން ވިދާޅުވީ، ސިކުނޑިއަށް ލޭ އެޅުމުގައި، މަރުވި މީހާގެ ސިއްހީ އެހެން މައްސަލައެއް ކުރިން ހުރުމަކީވެސް އެކަށީގެން ކަމެއް ކަމަށާ، އަދި ކޮވިޑާ ގުޅުން ހުރި އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އެެހެން ކަމުން އޭނާ މަރުވީ ސްޓްރޯކެއް ޖެހި ސިކުނޑިއަށް ލޭ އެޅިގެން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ. އޭގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުންނެވެ.