މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅި "ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލު" އަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އަލުން ހުށަހެޅުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލު" ގެ ނަމުގައި ސައީދު ހުށަހެޅުއްވި ބިލުގައި ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި ކަންކަން ވެސް ހިމަނާފައިވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު އެޖެންޑާ ކޮށްފައެއް ނުވެއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ކަންކަން ބަދަލުކޮށް އަލުން ހުށަހެޅުމުން އެޖެންޑާ ކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސް ކޮށްފައިވާ އާ ގަވާއިދުގައިވާ ގޮތުން، ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި މައްސަލަތަކާއި ބިލުތައް މަޖިލީހަށް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަންޏެވެ. އެ ގޮތަށް ހުށަހަޅާނީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރެއް މެދުވެރިކޮށެވެ.

ސައީދު ހުށަހެޅުއްވި އެ ބިލުގައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭރުގެ ދަތުރުފަތުރުތައް އަލުން ހުޅުވެން ދެން މާލެ ސަރަހައްދުގައި ހިމެނޭ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅެން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ 50 ޕަސެންޓަށްވުރެ ބޮޑު ނޫން އަދަދެއް ނުދައްކައިގެން އެ ތަނަކުން ބޭރުކޮށްގެން ނުވާނެ ކަމަށެވެ. ހަމައެއާއެކު ސިއްހީ ކުއްލި ހާލަތު ނިމި ވެލާނާ އެއާޕޯޓްގެ ބޭރުގެ ދަތުރުފަތުރު އަލުން ފަށާތާ 10 މަސް ދުވަހުގެ ތެރޭގައި ނުދެއްކިފައިވާ 50 ޕަސެންޓްގެ ކުލީގެ ފައިސާ އެޕާޓްމަންޓް ނުވަތަ ގޭގެ ވެރިފަރާތަށް ދައްކާ ހަލާސް ކުރަން ވާނެ ކަމަށް ވެސް އެ ބިލުގައިވެއެވެ.

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު/ ފޮޓޯ: މަޖިލިސް

މީގެ އިތުރުން މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކޮންމެ ދިވެއްސެއްގެ ޕެންޝަން ފަންޑަށް ޖަމާ ކޮށްފައިވާ ފައިސާގެ ތިންބައިކުޅަ އެއްބައި އެ މީހަކަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޫކުރުމަށްވެސް އެ ބިލުގައި ހުށަހަޅާފައިވެއެވެ. އަދި އެ ފައިސާ ދޫކުރަން ވާނީ ތިން އިންސްޓޯލްމަންޓަކަށް ބަހާލައިގެން ކޮންމެ އިންސްޓޯލްމަންޓެއް ވެސް 30 ދުވަހަށް ވުރެ ގިނަ ދުވަސް ނުވާ ގޮތުގެ މަތިން ކަމަށް ބިލުގައިވެއެވެ.

މި ބިލުގައި ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި ކަންކަން ހިމަނާފައިވާ ކަަމަށް ރައީށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން މެދު ފަންތީގެ ވިޔަފާރިތަކުން ނަގާ ޓެކްސްއާއި ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުއްޔާއި، ސްޓޫޑަންޓް ލޯނާއި، ޓޫރިޒަމް ސިނާއަތަށް ދޫކޮށްފައިވާ ބިންތަކުގެ ކުއްޔާ ގުޅޭ ގޮތުން ބައެއް ކަންކަން ހިމަނާފައި ވެއެވެ.

ނަޝީދު ވިދާޅުވީ މެންބަރު ސައީދު ހުށަހެޅުއްވި ބިލަށް މަޖިލީހުގައި ބަހުސްކުރަން އެދިވަޑައިގަންނަވާ ކަމަށާއި، ބިލު ބަދަލުކޮށް އަލުން ހުށަހެޅުމަށް ވެސް އެދިވަޑައިގަންނަވަނީ އެހެންވެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދަށް ފެއްތުމަށްޓަކައި ސައީދުގެ ބިލަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މެންބަރު ސައީދާއެކު ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންގެ ބައްދަލުވުމެއް ހަމަޖައްސަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސައީދު މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތައް ނެތިދިއުމުގެ ބިރު ބޮޑުވެފައިިވާ ކަމަށާއި އެތައް ހާސް އާއިލާއެއް ނިކަމެތިވެ ހާލުގައިޖެހެމުން އަންނާތީ، އެފަރާތްތަކަށް އަވަސް ލުއިތަކެއް ހޯދައިދިނުމަށް އެދިއެވެ.