ބަންގްލަދޭޝް މީހާ މަރުވީ ސިކުނޑިއަށް ލޭ އަރައިގެން ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު ޑރ. މޫސާ ހުސެއިން ވިދާޅުވެއްޖެއެވެ. މަރުވި ބަންގްލަދޭޝްގެ މީހާއަކީ އުމުރުން 33 އަަހަރުގެ މީހެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ރާއްޖެއިން ކޮވިޑް ޖެހި މަރުވި 2 ވަނަ މީހާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޮވިޑް ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ، މަރުވި ބަންގްލަދޭޝް މީހާއަށް ކޮވިޑް ޖެހިފައި ހުރިކަން އެނގުނީ، ފިޓް ޖެހިގެން ހޮސްޕިޓަލަށް ގެންދިއުމުން ހެދި ޓެސްޓް ތަކުން ކަމަށެވެ.
މިކަމާ ގުޅިގެން، އައިޖިއެމްއެޗްގެ ޑރ. މޫސާ ހަސަން ވިދާޅުވީ، ކޮވިޑް ނެތަސް މިހާރު ރޫޓިންކޮށް ޓެސްޓް ހަދާ ކަމަށާއި އެގޮތުން ހެދި ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ކަން ހާމަވެފައި ވާކަމަށެވެ.
މަރުވި ބަންގްލަދޭޝް މީހާ މަރުވީ، އޭނާއަށް ފަރުވާ ދެމުން ދަނިކޮށް ކަމަށާއި އަދި ވެންޓިލޭޓަރަށްވެސް ލައިފައި އޮއްވާ ކަމަށް ޑރ. މޫސަ ވިދާޅުވިއެވެ. އަދި އޭނާ ރޭ ހޮސްޕިޓަލަށް ގެންދިއުމުން ސީޓީ ސްކޭން ހެދި ކަމަށާއި، ސިކުނޑިއަށް ލޭ އެޅިފައިވާ ވާކަން ސީޓީ ސްކޭނުން ފެންނަން ހުރި ކަމަށެވެ.
އައިޖީއެމްއެޗުގެ ޑޮކްޓަރު، ޑރ. މުހައްމަދު ފައިޝަން އިތުރަށް ވިދާޅުވީ، ސިކުނޑިއަށް ލޭ އެޅުމުގައި، މަރުވި މީހާގެ ސިއްހީ އެހެން މައްސަލައެއް ކުރިން ހުރުމަކީވެސް އެކަށީގެން ކަމެއް ކަމަށާ، އަދި ކޮވިޑާ ގުޅުން ހުރި އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އެެހެން ކަމުން އޭނާ މަރުވީ ސްޓްރޯކެއް ޖެހި ސިކުނޑިއަށް ލޭ އެޅިގެން ކަމަށެވެ.
ސްޓްރޯކު ޖެހުމުންވެސް ބައެއް ހާލަތްތަކުގައި ނާރު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އަރައެވެ.
ނަމަވެސް ރޭ އެޗްޕީއޭއިން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ޓޯނިކް-ކްލޯނިކް ސީޒާ (ފިޓް ޖެހުމުގެ ވައްތަރެއް) ގައި ކަމަށެވެ.
ޓޯނިކް-ކްލޯނިކް ސީޒާ ގައި މުޅި މީހާ ހަތަރެސް ފަޔާއެކު ތުރުތުރު އެޅުމާއި މީހާ "ބްލެކްއައުޓް ނުވަތަ ހޭނެތުން" ނުވަތަ ފިޓް ޖެހުން ފަދަ ގޮތްގޮތް ވެއެވެ. ބައެއް މީހުންނަށް ތުރުތުރު އެޅުމާ، މީހާ ދަނޑިއެރުން ފަދަ ކަންކަންވެސް ވެއެވެ.
ޓޯނިކް-ކްލޯނިކް ސީޒާ އަކީ ކޮރޯނާވައިރަސް ޖެހޭ މީހުންގެ ތެރެއިން ބޮޑުވަރުވާ މީހުންގެ ފުށުން ވަރަށް އާންމުކޮށް ފެންނަ ކަމެކެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި މަރުވި ބަންގަލަދޭޝް މީހާ އަކީ އެމްއެންޑީއެފްގެ ކަޅުތުއްކަލާ ކޮށީގެ ބަދިގޭގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ މަރުވި ހާދިސާއާ ގުޅިގެން ބަދިގެ ސަރަހައްދު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށްވެސް ވަނީ އެނގިފައެވެ.