ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ކުރިމަތިލާން ޖެހިފައިވާ އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމަށް ގާތްގަނޑަކަށް 1.2 ބިލިއަން ޑޮލަރުގެ މާލީ އެހީ، ދިވެހިރާއްޖެއަށް ބޭނުންވާނެ ކަމަށް އދއިން ލަފާކޮށްފިއެވެ.
އދގެ ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވަލޮޕްމަންޓްގެ ޑިވިޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އެންޑް ކޮމޯޑިޓީޒްގެ ޑައިރެކްޓާ ޕަމޭލާ ކޯކް-ހެމިލްޓަން ވިދާޅުވީ، ދިވެހިރާއްޖެ ހިމެނޭ، ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ (ސިޑްސް) ގެ ގައުމުތަކަށް ކުރިމަތިލާންޖެހިފައިވާ އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމަށް ޖުމުލަ ގޮތެއްގައި ގާތްގަނޑަކަށް 5.5 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށެވެ.
ފަތުރުވެރިކަން ހުއްޓުމަކަށް އައުމުގެ ސަބަބުން ކުރިމަތިލާންޖެހިފައިވާ އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމަށް ސިޑްސް ގައުމުތަކަށް މާލީ އެހީތެރިކަން ބޭނުންވާއިރު، ރާއްޖޭގެ ފަހަތުން މި ލިސްޓުގައި ދެން އޮތީ ޖަމައިކާ އަދި ބަހާމާސް ފަދަ ގައުމުތަކެވެ. ޖަމައިކާއާއި ބަހާމަސް ފަދަ ގައުމުތަކަކީ ބޭރުގެ ގައުމުތަކަށް އިންތިހާއަށް ދަރަނިވެރިވެފައިވާ ގައުމުތަކަށްވާއިރު، ހީނަރުކަމުން އަރައިގަތުމަށް އެހީގެ ޕްރޮގްރާމް ނުވަތަ ދަރަނި އަދާކުރުން ފަސްކުރުމުގެ ޕްލޭންތައް ބޭނުންވާކަން އދއިން ފާހަގަކުރެއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާއެކު އެންމެ ބޮޑު އަސަރެއް ކުރަމުންދަނީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. ފަތުރުވެރިކަމާ ބެހޭ އދގެ އިދާރާ (ޔޫއެންޑަބްލިއުޓީއޯ)އިން ލަފާކުރާ ގޮތުގައި، މި ބަލިމަޑުކަމުގެ ސަބަބުން މިއަހަރު ފަތުރުވެރިކަމުގެ ސިނާއަތް 20-30 ޕަސެންޓްއާ ދެމެދު މިންވަރަކަށް ދަށަށް ދާނެއެވެ.
މި ހީނަރުކަމަކީ ބޭރުގެ ފަތުރުވެރިންނަށް ބަރޯސާވެފައިވާ ގައުމުތަކަށް އިންތިހާއަށް ނޭދެވޭ އަސަރު ކުރުވާނެ ހީނަރުކަމެއްކަން، ވައިގެ އުދުހުންތަކުގެ ސިނާއަތުގެ ތަފާސް ހިސާބުތަކަށް ބަލާލުމުންވެސް އެނގިގެން ދެއެވެ. މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ބަލާއިރު، ވައިގެ އުދުހުންތަކުގެ ޓްރެފިކް، 80 ޕަސެންޓް ދަށަށް ގޮސްފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފަށާ ހިސާބުން ބައެއް ދާއިރާތައް ހެޔޮ ފާލަކަށް އެޅެން ފެށި ކަމުގައި ވީ ނަމަވެސް، މިކަމުގެ އަސަރު ފަތުރުވެރިކަމުގެ ސިނާއަތުން ފެންނަން ދުވަސްތަކެއް ނަގާނެއެވެ. އެހެނީ ފަތުރުވެރިކަމުގެ ސިނާއަތަކީ ކަސްޓަމަރުންގެ އިތުބާރާ، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ މިނިވަންކަމާ އިންތިހާއަށް ގުޅިފައި އޮންނަ ކަމަކަށް ވުމެވެ.
ވާލްޑް ޓްރެވެލް އެންޑް ޓުއަރިޒަމް ކައުންސިލް (ޑަބްލިއު.ޓީ.ޓީ.ސީ)ގެ ރެކޯޑް ތަކަށް ބަލާއިރު، މީގެ ކުރިން ފެތުރިގެން ގޮސްފައިވާ ބަލިމަޑުކަމުގެ ހާދިސާތަކަށް ފަހު އެ މަންޒިލަކަށް އާންމު އުސޫލުން ފަތުރުވެރިން ދަތުރުކޮށް އުޅުމަށް ގާތްގަނޑަކަށް 19 މަސްދުވަސް ހޭދަވިއެވެ.
ކޯކް-ހެމިލްޓަން ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ހީނަރުގެ ކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާނެ ގައުމުތަކުގެ ތެރޭގައި ސިޑްސްގެ މެމްބަރު ގައުމުތައް ހިމެނެއެވެ. މި ގައުމުތަކަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އިންތިހާއަށް ބަރޯސާވެފައިވާ ގައުމުތަކަކަށް ވާއިރު، މި ކުދި އިގުތިސޯދުތަކަށް އަންނަ ބޮޑު ލޮޅުމުން އަރައިގަތުމަށް އުނދަގޫތަކެއް ހުންނާނެކަންވެސް އދގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.
ސިޑްސްގެ ގައުމުތަކަށް ބަލާއިރު އިގުތިސޯދީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ ގާތްގަނޑަކަށް 30 ޕަސެންޓް އެވަރޭޖު ގޮތެއްގައި ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށް ޑަބްލިއު.ޓީ.ޓީ.ސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖެއާއި ސީޝެލްސް ފަދަ ގައުމުތަކަށް ބަލާއިރު، ޖީޑީޕީގެ 50 ޕަސެންޓްއަށްވުރެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތެވެ.
ޓްރެވެލް އެންޑް ޓުއަރިޒަމް ސިނާއަތުން ސިޑްސް ގައުމުތަކުން ޖުމުލަ ގޮތެއްގައި އަހަރެއްގެ މައްޗަށް 30 ބިލިއަން ޑޮލަރު އުފައްދައެވެ. ފަތުރުވެރިކަމުގެ ސިނާއަތް 25 ޕަސެންޓް އިނދަޖެހިއްޖެނަމަ 7.4 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިވާނެއެވެ. ބައެއް ގައުމުތަކަށް މިކަމުގެ ގެއްލުން އޭގެ އެންމެ އިންތިހާއަށް ފޯރާނެކަން ފާހަގަކުރައްވަމުން ކޯކް-ހެމިލްޓަން ވަނީ، ރާއްޖެއާއި ސީޝެލްސް ފަދަ ގައުމުތަކުން 16 ޕަސެންޓް ހިއްސާކުރަންޖެހިދާނެ ކަމަށް ލަފާކުރައްވާފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ އިނދަޖެހިފައި ވީ ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ގައުމުތަކެއްގެ ސަރުކާރުން ވަނީ، މި ބަލިމަޑުކަމާ ކުރިމަތިލުމަށް އެކުލަވާލާފައިވާ ހާއްސަ ފަންޑަށް 8 ޓްރިލިއަން ޑޮލަރު އެހީ ދިނުމަށް ނިންމާފައެވެ. މި އެހީއަކީ ހާލުގައި ޖެހިފައިވާ ގައުމުތަކަށް، މާލީ އިދާރާތައް މެދުވެރިކޮށްގެން ފޯރުކޮށްދެވޭނެ އެހީއެކެވެ.
ސިޔާސީ ބެފުޅުންނަށް މުސާރަ ފުޅު އެކަނި ދެވޭނީ ތިވަރުން. ބާކީ ވަކި ލާރިޔެއް އޮތިއްޔާ އަނެއް ބޭފުޅުންނަށޭ.....