ކޮވިޑް ޖެހި ހާލު ސީރިއަސްވެ އަދި ފިޓް ޖެހުމާ ގުޅިގެން ރޭ ފަތިހު އައިޖީއެމްއެޗަށް ގެންދިޔަ މީހާ މަރުވެއްޖެ އެވެ. ނަމަވެސް އޭނާ މަރުވީ ކޮވިޑް ޖެހިގެން ކަމެއް ނުވަތަ ނޫން ކަމެއް އެޗްޕީއޭ އިން އަދި އިއުލާނެއް ނުކުރެއެވެ.

ކޮރޯނާވައިރަސް ޖެހުނު މީހުންގެ ތެރެއިން ރާއްޖެއިން މަރުވި މިއީ ދެވަނަ މީހާއެވެ. މިދިޔަ ބުދަ ދުވަހުރޭ މަރުވެފައި ވަނީ، 83 އަހަރުގެ ދިވެހި އަންހެނެކެވެ. އެޗްޕީއޭއިން ބުނެފައިވަނީ ގޮތުގައި އެ އަންހެން މީހާގެ ފިރިމީހާވެސް ވަނީ ހާލު ބޮޑުވެގެން އައިސީޔޫގައެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި މަރުވި ބަންގަލަދޭޝް މީހާ އަކީ އެމްއެންޑީއެފްގެ ކަޅުތުއްކަލާ ކޮށީގެ ބަދިގޭގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ މަރުވި ހާދިސާއާ ގުޅިގެން ބަދިގެ ސަރަހައްދު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށްވެސް ވަނީ އެނގިފައެވެ.

ނަމަވެސް އޭނާ ރޭ ހޮސްޕިޓަލަށް ގެންދިޔައީ ކުރިން ބަލިވެ އުޅެ، ނޭގި އޮވެ ކަމެއް، ނުވަތަ ކުއްލިއަކަށް ބަލިވެގެން ކަމެއް ސާފެއް ނުވެއެވެ. އަދި އޭނާ ދިރިއުޅެނީ ކަޅުތުއްކަލާ ކޮށީގައި ކަމެއްވެސް ސާފެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ ބޭރުމީހުންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، ސަލާމަތީ ބާރުތަކުގެ ތެރޭގައި ހިމެނޭ އެމްއެންޑީއެފްގެ ބަޔަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެގޮތުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވީ، ހުޅުމާލޭގައި ހަދަމުންދާ ކޮވިޑް ވިލެޖުގައި މަސައްކަތް ކުރުމުގެ ތެރޭގައެވެ.

މިހާނަތައް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ 191 ކޭސް އެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް 557 މީހަކު މިއަދާ ހަމައަށް ޕޮޒިޓިވް ވެފައި ވާއިރު އެންމެ ގިނައީ ބިދޭސީންނެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 361 މީހުންނަކީ ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިންވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ބަންގްލަދޭޝްގެ 283 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާއިރު ދިވެހިންގެ ތެރެއިން 196 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.