އެހެން އަހަރުތަކާ އަޅާ ބަލާއިރު އެހާ ތިޔާގި ނޫނެއް ކަމަކު ދިވެހި ބަދިގެތަކަށް ކަރައަކީ މި ރަމަޟާން މަހުވެސް އެންމެ ގާތް އެއް ބާވަތެވެ. ހިތަށް ފިނިކަން ލިއްބައިދޭ މި ހިތްގައިމު މޭވާގެ 92 ޕަސެންޓް ހިއްސާކުރަނީ ފެނެވެ. މެލަންއަކަށްވާނީ ބާކީ އޮތް ބައެވެ. ކަރާ ކައިފަ އެއްލާލަން އޮންނަ ހުދުކުލައާއި ފެހި ކުލައިގެ ތޮށިތަކަކީ ކުނިކޮތަޅުކުން އެންމެ ގިނަ އަދަދަކަށް މި ދުވަސްވަރު ޖާގަ ހޯދާ ބާވަތް ކަމުގައިވެސް ދެންނެވިދާނެއެވެ. ނަމަވެސް މިއީ އަދި މުޅިއަކުން ރަނގަޅު ގޮތެއް ނޫނެވެ. މި ބަޔަކީވެސް އަނގަޔަށް މީރު ބާވަތްތަކެއް ތައްޔާރުކޮށްލަން ބޭނުން ކުރެވިދާނެ ބައެކެވެ.
ކަރާ ތޮށި (ރައިންޑްސް) ގެ ފައިދާ
ކަރައަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުން މުއްސަނދި ވެފައިވާ، ސިއްހަތަށް ފައިދާތަކެއް ލިއްބައިދެނިވި މޭވާއެކެވެ. ކާބޯތަކެތީގެ އިލްމުގައި ޒަމާން ކުރިއަރާ ގޮސްފައިވާއިރު، މިހާތަނަށް ހޯދާފައިވާ ބައެއް ހޯދުންތަކުން ދައްކާ ގޮތުގައި، ކަރާ ތޮށި ނުވަތަ ހުދުކުލައާއި ފެހިކުލައިގެ ބަޔަކީ ސިޓްރުލީންއިން މުއްސަނދިވެފައިވާ ބައެއްކަން އެނގެއެވެ. މިއީ ލޭ ހޮޅިތަކަށް ލޭ ޑައެލޭޓްކޮށްދޭން އެހީވެދޭ އެމީނޯ އެސިޑެކެވެ. ހަމަ މިއާއެކު، ކަރާ ތޮއްޓަކީ ގައިގެ މަސްތަކަށް ފަސޭހައިން ނޭވާލެވޭނެ މަގު ތަނަވަސްކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ލޭ މައްޗަށް ދާ މީހުންނަށްވެސް މިއީ ރަނގަޅު އެއްޗެކެވެ.
އަވަށްޓެރި އިންޑިއާގެ ބަދިގެތަކަށް ކަޅިއެއް އެއްލާއިރު، ކަރާ ތޮށިން ތައްޔާރުކުރާ ކިތަންމެ ބާވަތެއް އެބަހުއްޓެވެ.
ޖޭމު
ޖޭމަކީ ވަރަށް ފަސޭހައިން އަމިއްލަ ބަދިގޭގައި ތައްޔާރުކޮށްލެވިދާނެ މީރު ފޮނިކާ އެއްޗެކެވެ. ޖޭމު ތައްޔާރު ކުރަން އެންމެ ފުރަތަމަވެސް ބޭނުންވާނީ އުނދުނުގެ ކޮންޓްރޯލް ކުރަން ދަންނަ، ކެތްތެރި މީހެކެވެ. ކަރާ ތޮށީގެ ޖޭމު ތައްޔާރު ކުރަން ބޭނުންވާނީ:
- 1 ޖޯޑު ތޮށި (ކުދިކޮށް، ކިއުބު ވާ ގޮތަށް ކޮށާފަ)
- 1 ޖޯޑު އާފަލު (ކުދިކޮށް، ކިއުބް ވާ ގޮތަށް ކޮށާފަ)
- 2 ޖޯޑު ހަކުރު
- ކުޑަ ލުނބޯ ހުތް ފޮދެއް
- 1 ސައި ސަމުސާ ވެނީލާ އެކްޓްރެސްޓް
މި ހުރިހާ ބާވަތެއް ތަވާއެއްގައި ހޫނުކުރަމުންދާށެވެ. ރަނގަޅަށް ބޮކިޖަހާ ކެކެންދެން ހަލަމުންދާށެވެ. ކަރާ ތޮށިތައް ރަނގަޅަށް މަޑުވެ ޗަސް ވާން ފެށުމުން، އެމީހަކު ބޭނުންނަމަ ކުޑަ ފޮނިތޮށިކޮޅެއްވެސް އެޅިދާނެއެވެ. އެއަށްފަހު އުނދުން މަތިން ބާލާ، ހޫނުކޮށްފައި ހުރި ބިއްލޫރި ފުޅިތަކަށް ޖޭމު އަޅާށެވެ. އަދި ކެކިކެކި ހުރި ފެން ތެއްޔެއްގައި، މި ޖޭމު ފުޅިތައް 5 ވަރަކަށް މިނެޓް ވަންދެން ބަހައްޓާލާށެވެ. އެއިރުން އެހުރީ ކަރާތޮށި ޖޭމު ތައްޔާރު ކުރެވިފައެވެ.
އަސާރަ
ހާރު ކާ ގަޑިއަށް އަސާރައަކީ ގިނަ މީހުން އިންތިހާއަށް ގަޔާވާ ބާވަތެކެވެ. ނަމަވެސް އަދުގެ ހާލަތު އޮތް ގޮތުން، މިއީ ފަސޭހައިން ލިބެންހުރި އެއްޗަކަށްވެސް ނުވެދާނެއެވެ. ހާސްވާނެ ކަމެއް ނެތެވެ. ފަނިގިރަން ބޭނުން ކުރި ކަރާގެ ތޮށިތަކުންވެސް އަސާރަ އެޅިދާނެއެވެ. ކަރާ ތޮށީގައި އަސާރަ އަޅަން ބޭނުންވާނީ:
- 3-4 ޖޯޑު ކަރާ ތޮށި (ފެހި ތޮށިކޮޅު ނަގާ، ކުދި ކިއުބަށް ކޮށާފަ)
- 1 ޖޯޑު ހަކުރު
- ½ މޭޒުމަތީ ސަމުސާ އެޕަލް ސީޑާ ވިނެގާ
- ½ ސައި ސަމުސާ ލޮނު
- ½ ސައި ސަމުސާ އަސޭ މިރުސް
- ކުޑަ އިނގުރުކޮޅެއް (ގާނާ، ޗިސްކޮށްފަ)
ދެން އޮތީ އެންމެ ފަސޭހަ ބައެވެ. މި ހުރިހާ އެއްޗެއް ތަވައެއްގެ މަތީގައި، މަޑު ގިނީގައި 3-4 ގަޑިއިރު ވަންދެން ކައްކާލަށެވެ. ކުޅި ކުރަން ބޭނުން ނަމަ މުގުރި މިރުސްކޮޅެއްވެސް އެޅިދާނެއެވެ. ރަނގަޅަށް ކެކުމުން، ޕޭސްޓުގަނޑަކަށް ވަންދެން މުގުރާވެސް ލެވިދާނެއެވެ.
ހަލްވާ
ހަލްވާއަކީ މި ޒަމާނުގެ ދިވެހި ބަދިގެ ތަކަށް މާ ފަރިތަ ފޮނިކާއެއްޗެއް ނުވިކަމުގައި ވީ ނަމަވެސް، ހަލްވާ މީރު މީހުން މަދެއް ނޫނެވެ. އުކާލާ ކަރާ ތޮށިން ތައްޔާރު ކުރާ ހަލްވާއަކީވެސް، ފޮނިކާއެއްޗިއްސަށް ލޯބިކުރާ މީހުންނަށް ކަމުދާނެ ބާވަތެކެވެ. ކަރާ ތޮށީގައި ހަލްވާ ތައްޔާރުކުރަން ބޭނުންވާނީ:
- 1 ޖޯޑު ކަރާ ޖޫސް
- ½ ޖޯޑު ކަރާ ތޮށި (ކުޑަ ފެންފޮދެއް އަޅައިގެން ޕޭސްޓަށް ހަދާފަ)
- 2 މޭޒުމަތީ ސަމުސާ ގީ
- ހަކުރު ކޮޅެއް
- 2 ސައި ސަމުސާ ކޭޝު ނަޓް/އާމަންޑް ޕައުޑަރު
ތަވައެއްގައި ގީ އާއި ނަޓް ޕައުޑަރު ރަނގަޅަށް ހަނާ ކޮށްލާށެވެ. ރޯސްޓް ވާ ވަސް ދުވަން ފެށުމުން ކަރާތޮށީ ޕޭސްޓުކޮޅުވެސް އެއްކޮލާށެވެ. އަދި ރަނގަޅަށް ހިލަމުންދާށެވެ. ހިލާ ނިމުނުކަން އެނގޭނެ އެންމެ ފަސޭހަ ގޮތަކީ، ކަރާތޮށި ޕޭސްޓް ގަނޑާ، ގީތައް ވަކިވާން ފެށުމުންނެވެ. މިހާ ހިސާބުން ހަކުރުކޮޅާ ކަރާ ޖޫސް ފޮދު އެއްކޮލާށެވެ. އެއްކުރަމުންދިޔަ ތަކެތި އޮލަވާން ފެށުމުން، ބޮކޮޖަހާ ކެކެންދެން ރަނގަޅަށް ކައްކާލާށެވެ. އެއިރުން ހަލްވާ ތައްޔާރުކޮށް ނިމުނީއެވެ.
ސެލަޑް
މުޅިންހެންވެސް މި ކިޔައިދެވުނީ ފޮނިކާއެއްޗެއްގެ ވާހަކައެވެ. ކަންމިހެން އޮތް ނަމަވެސް ކަރާ ތޮއްޓަކީ ސެލަޑްތަކަށްވެސް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ބާވަތެކެވެ. އެގޮތުން ކޯލްސޯ ސެލަޑް ތައްޔާރުކުރާއިރުވެސް ކަރާ ތޮށި ބޭނުން ކުރެވިދާނެއެވެ. ސެލަޑް ތައްޔާރުކުރާނަމަ ކުޑަ އެޕަލް ސީޑާ ވިނެގާ ފޮދަކާއެކު ކަރާ ތޮށި ބޭނުންކުރުމުން ރަހަ މީރުވާނެއެވެ.