ފައިތިލައިގެ އެކި ހިސާބުތައް، ވަކިން ހާއްސަކޮށް ފުންނާބު ފަޅަފަޅައިގެން ދިއުމަކީ ވޭން ހުރި ކަމެކެވެ. މޫނުމައްޗާ، އަތްފައިގެ އިނގިލަތައް ރަނގަޅަށް ސާފުކޮށް ބަލަހައްޓި ކަމުގައި ވީ ނަމަވެސް، ފައިތިލައިގެ ސިއްހަތަށް ސަމާލުކަން ނުދެވޭ ފަހަރު އާދެއެވެ. އެރޭ ފައިވާނެއްގެ ގޮތުންވެސް ފައިފަޅައިގެން ދިއުމުގެ ތަކުލީފު އުފުލަންޖެހެއެވެ. ބައެއް ފައިވާނަކީ މާ ބޮޑަށް ފައިތިލަ ހާމަވާ ފައިވާނެއް ނަމަ މިކަން ބޮޑުވެއެވެ. މިއީ ލޮކްޑައުންގެ ދުވަސްވަރުކަމުން، ބޭނުންހާ ވަގުތަކު ސެލޫންތަކާ ސްޕާތަކަށް ގޮސް ޕެޑިކިއޯއާއި ފުޓް މަސާޖުތައްވެސް ނެގޭކަށް ނޯވެއެވެ. ނަމަވެސް މިކަމަށް ގޭގައި ދެވިދާނެ ބައެއް ފަރުވާ އެބަހުއްޓެވެ.

ކިރާ ފިނިފެންމާ

ފައިފަޅައިގެން ދިއުމުގެ ސަބަބުން ފުންނާބުގައި ރިއްސާރަނަމަ ކިރާ ފިނިފެންމާ ބޭނުންކޮށްގެން ފައިތިލަ ކޮންޑިޝަން ކޮށްލުމަކީ ލުއިފަސޭހަކަން ލިއްބައިދޭނެ ކަމެކެވެ. މި ކޮންޑިޝަނާ ތައްޔާރު ކުރުމަށްޓަކައި ހެޔޮވަރުވަރެއްގެ ތައްޓަކަށް ތާފަނާ ފެން ފޮދެއް އަޅާށެވެ. އަދި ބައި ޖޯޑު ކިރު، އެ ފެނާ އެއްކޮށްލާށެވެ.

ފިޔާތޮށި ފިނިމަލުގެ ފިޔަތަކެއް/ފޮޓޯ: ކޮންފެޓީ ރިވަލޫޝަން

ގޭގައި ތިބޭތާ ދުވަސްތަކެއް ވެފައިވާއިރު، ފިނިފެންމާ ގަހެއް ގޭގައި ހެއްދިފައި ހުރެދާނެކަމަށް ބަލަމާ ހިނގާށެވެ. މުށެއްހާ ފިނިފެންމާ ފިޔައާ، 4-5 ހިތިފަތްވެސް ކިރު ފެންތައްޓަށް ވައްޓާލާށެވެ. އެއަށްފަހު ކަމުދާ ފްލޭވާއެއްގެ އެސެންޝަލް އޮއިލް ފޮދެއްވެސް މިއާ އެއްކޮށްލާށެވެ. ދެން މި ފެންގަނޑުގައި ވިއްސަކަށް މިނެޓް ވަންދެން ފައިތިލަ ރަނގަޅަށް ފޯކޮށްލާށެވެ. އަދި މަޑުމަޑުން ސްކްރަބް ކުރާށެވެ. މިއީ ފައިފަޅައިގެން ދިއުމާ ދުރުކޮށްދެނިވި ތެރަޕީއެއްގެ އިތުރުން، ފައިތިލާގައި މަރުވެފައިވާ ހަންތައްވެސް ސާފުކޮށްދޭނެ ކަމެކެވެ.

3 ތެލުގެ މަސާޖު

އެންމެ ފުރިހަމަ ގޮތުގައި މި ތެރަޕީގެ ފައިދާ ހާސިލުކުރުމަށް، 3 ވައްތަރެއްގެ ތެލެއް ބޭނުންވާނެއެވެ. މި ތެރަޕީއަށް ބޭނުންވާ ކޭސްޓާ އޮއިލް، އޮލިވް އޮއިލް އަދި އާމަންޑް އޮއިލްއެވެ. މި ތިން ބާވަތުގެ ތެލުން، ކޮންމެ ބާވަތަކުންވެސް 1 ސައި ސަމުސަލުގެ ތެޔޮ ނަގާ، ވަކިން ތައްޓެއްގައި އެއްކޮށްލާށެވެ. އަދި ފުންނާބުގައި އުނގަޅަމުން މަސާޖުކުރާށެވެ. 3 ތެލުން މަސާޖުކޮށް ނިންމުމަށްފަހު، ވެސްލީން ކޮޅެއްވެސް ހާކާލެވިދާނެއެވެ. މި ތެރަޕީ ނަގަން އެންމެ ރަނގަޅީ ރޭގަނޑު ނިދަން އޮށޯންނަމުންނެވެ. އަދި ނިދަން އޮންއިރު އިސްޓާކީނަކަށް އަރައިގެން އޮތުން ބުއްދިވެރިއެވެ. މިއީވެސް ފައިފަޅައިގެން ދިއުމަށް ހޯދިދާނެ ހައްލަކަށްވާއިރު، މިއީ ފައިތިލައިގެ ހަންގަނޑު އޮމާންކޮށް، މަޑުކޮށްދޭނެ ކަމެއްވެސް މެއެވެ.

އާމަންޑް އޮއިލް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޒީ ކޮމްޕެނީ

ދޮންކޭލާ މާމުއި

ބޯތައްޓެއްގައި ކުޑަ ދޮންކެޔޮ ވަކެއް ރަނގަޅަށް ޗިސްކޮށްލާށެވެ. އަދި ސައި ސަމުސަލެއްގެ މާމުއި އެއްކޮށްލުމަށްފަހު، ދިޔާ ވަންދެން ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް ދިޔާ ވުމުން ފުންނާބުގައި މަޑުމަޑުން އުނގުޅާލާށެވެ. 20-30 މިނެޓް ވަންދެން ތަނެއްގައި މަޑުން އިށީނދެލައިގެން އިނދެލުމަށްފަހު ތާފަނާ ފެންފޮދަކުން ފައިތިލަ ދޮވެލާށެވެ. އެއަށްފަހު ފައިތިލަ މަޑުމަޑުން ހިއްކާލުމަށްފަހު، މޮއިސްޗަރައިޒް ކުރާށެވެ. ވިޓަމިން އޭ، ސީ އަދި ބީ 6އިން މުއްސަނދިވެފައިވާ ދޮންކޭލަކީ ގުދުރަތީ މޮއިސްޗަރައިޒާއެކެވެ. މާމުޔަކީ ހަމުގެ އެތެރެ ފަށައިލައިން ފެން ދަމާ، ބޭރު ފަށަލައިގެ ތެތްކަން ހިފަހައްޓަން އެހީވެދޭ އެއްޗެކެވެ.

ޕަމިސް ސްޓޯން

ޕަމިސް ނުވަތަ ޕިއުމަސް ސްޓޯން އަކީ އަލިފާން ފަރުބަދައިން ފައިބާފައި ހުންނަ ހިލަ ކުނޑި ނުވަތަ އަޅި ކުނޑި ގަލެވެ. މިއީ ފައިތިލަ ފަޅަފަޅައިގެން ދިއުމުގެ މައްސަލައަށް އޮތް ޖާދުވީ ހައްލެކެވެ. ޕަމިސް ސްޓޯންއެއް ނެތްނަމަ، ގައި އުނގުޅަން ބޭނުންކުރާ އެއްޗަކުންވެސް ފައިތިލަ ސްކްރަބް ކުރެވިދާނެއެވެ. މި ފަދައިން ސްކްރަބް ކުރުމަށް މޭޒުމަތީ ސަމުސަލެއްގެ ލޮނުގެ ތެރެއަށް ދެތިން ތިކި އޮލިވްއޮއިލް އަޅައިގެން ޕޭސްޓު ހަދާ، ފައިތިލާގައި އުނގުޅާލާށެވެ. 20-30 ސިކުންތު ވަންދެން ސްކްރަބް ކުރުމަށްފަހު ސައިބޯނި ފެން ފޮދަކުން ފައިތިލަ ދޮވެލާށެވެ. ފައިތިލަ ރަނގަޅަށް ދޮވެ ސާފު ކުރުމަށްފަހު، ފައިތިލަ ހިއްކާ، މޮއިސްޗަރައިޒާއެއް ބޭނުންކުރަން ހަނދާން ނައްތާ ނުލާށެވެ.

ޕަމިސް ސްޓޯންސް ނުވަތަ ފައި އުނގުޅަން ބޭނުންކުރާ ޒާތުގެ ގާ/ފޮޓޯ: ޝޮޕްލައިޓްސްޕީޑް

ގޭބަންދުގައި ހުންނަންޖެހުނެއް ކަމަކު އަމިއްލަށް ނަފްސަށް ދޭންޖެހޭ އަޅާލުމާ އޯގާތެރިކަމުގެ މަތިން ހަނދާން ނައްތާ ނުލާށެވެ. މިފަދަ ކަންކަމަށް ފަރުވާތެރި ވުމަކީވެސް ނަފްސާނީ ގޮތުން ދެވޭ ފަރުވާއެކެވެ.