އިޖުތިމާއީ ގައިދުރުކަމާ، ގޭބަންދުގައި އެކަހެރިވެ ހުރުމަކީ މިއަދު ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ސަލާމަތްވުމަށް ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަކަށް އޮތީ ވެފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ބަޔަކީ ތައްޔާރީ، ލުއި ކާނާގެ ބާވަތްތައް ވިއްކާ ބޭކަރީ ފަދަ ތަންތަނެވެ. ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް މިއަދު ލޮކްޑައުން ކޮށްފައިވާއިރު، ވިޔަފާރި ނެގެހެއްޓުމަށް ބިނާކުރަނިވި އުފެއްދުންތަކަށް ބަރޯސާވުމަށް ކުދި ވިޔަފާރިތަކަށް އޮތީ މަޖުބޫރުވެފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އިންސްޓަގްރާމަށް ނަޒަރު ހިންގާލުމުން، އާދަޔާ ހިލާފު ގޮތަކަށް މި ފުރުސަތު ބޭނުން ކުރަމުންދާ ފަރާތްތައް ފެންނަން އެބަހުއްޓެވެ.

ކޮވިޑް-19 ތީމަށް ތައްޔާރުކޮށްފައިވާ ކޭކުތަކެއް/ފޮޓޯ: އެސްސީއެމްޕީ

ވައިރަލްވި ކޭކު

މިފަދަ އެއް އީޖާދު އައީ މެކްސިކޯއިންނެވެ. މެކްސިކޯގެ ޕޭސްޓްރީ ޝެފެއް ކަމަށްވާ ތާނިޔާ ކާޑޭނާގެ "ކޮރޯނާވައިރަސް" ކޭކު، ސޯޝަލް މީޑިއާގައި ވައިރަލް ވެގެންދިޔައީ އިންތިހާ ހަލުވިކޮށެވެ. ޝެފް ތާނިޔާ މި ކޭކު އަޅާ ދިނީ އޭނާގެ ކްލަޔަންޓެއްގެ އޯޑަރަށެވެ. ޝެފް ތާނިޔާގެ ކޭކު، ސޯޝަލް މީޑިއާގައި ވައިރަލް ވުމާއެކު، މި ހައްސާސީ ދަނޑިވަޅުގައި އުފަންދުވަސް ފާހަގަކުރާ ކިތަންމެ ބަޔަކަށް މި ކޭކު ކަމުގޮސް، އެފަދަ ކޭކުތަކަށް އޯޑަރު ދޭން ފެށީ ހީވެސް ނުކުރާ ދަރަޖައަކަށެވެ.

ކޮރޯނާވައިރަސް ތީމަށް ތައްޔާރުކޮށްފައިވާ ކޭކުތަކުގެ ތެެރެއިން އެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި ވައިރަލްވި އެއް އުފެއްދުން/ފޮޓޯ: ރަޕްޓްލީ

ޝެފް ތާނިޔާ ފަރުމާ ކުރި ކޭކު އަދިވެސް ތަފާތެވެ. މި ކޭކަކީ ކޮވިޑް-19އާ ގުޅިގެން އެންމެ ބާރަށް އެތަކެތީގެ ވާހަކަ ދެކެވެމުންދާ ތަކެތިވެސް ފީޗާ ކުރާ ކޭކެކެވެ. އެގޮތުން ޓޮއިލެޓް ޕޭޕަރު ގަތުމަށް ވިލާތުގެ ބައެއް ގައުމުތަކުން ކުރި އާދަޔާ ހިލާފު ދަތުރާ، ސެނިޓައިޒާ ގަތުމަށް މީހުން ދުންޖަހާފައިވާ ދުވިދުވުމުގެ އިތުރުން ކޮރޯނާވައިރަހުގެ ރަމްޒީ ސިފައަށްވެސް މި ކޭކުގައި ހާއްސަ ސަމާލުކަމެއް ވަނީ ދީފައެވެ.

ކޮވިޑް-19 ތީމަށް ކޭކު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: މިޑްލް އީސްޓް މޮނިޓާ

ކޭކަށް ޑިމާންޑް ބޮޑު

ކޮރޯނާވައިރަސް ކޭކުގެ ޓްރެންޑަކީ މިހާރު ދުނިޔޭގެ ހުރިހާ ހިސާބަކަށްހެން ފެތުރިފައި އޮތް ޓްރެންޑްއެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ތަޖުރިބާކާރު ޝެފުން މި ފުރުސަތުގެ ބޭނުން ހިފީ ކޮރޯނާވައިރަސް ކޭކުތަކާ، ފޭސްމާސްކު ކުކީޒް ބޭނުންކޮށްގެން މި ބަލިމަޑުކަމާ މެދު މީހުން ހޭލުންތެރިކުރުވުމުގެ ރޫހެއްގައެވެ.

ކޮވިޑް-19 ތީމަށް ތައްޔާރުކޮށްފައިވާ ކުކީތަކެއް/ފޮޓޯ: ސީއެންއެން

ކޮރޯނާވައިރަސް ތީމަށް ހާއްސަ ތައްޔާރީ ކާބޯތަކެތި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ގަންނަން ލިބެއެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި، މިއީ ހިތް ނުތަނަވަސް ކުރުވަނިވި ބަލިމަޑުކަމުގެ ތެރޭގައި، އުޖާލާ ކަމެއް ގެނުވާ، މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދެނިވި ކަމެއްވެސްމެއެވެ.

އިންޑިއާއިން އަނެއްކާވެސް އެއް ފިޔަވަޅު ކުރިއަށް

ކޮރޯނާވައިރަސް ތީމަށް ތައްޔާރުކުރާ ކޭކާ، ކަޕްކޭކް އަދި ކުކީގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިއުމާއެކު، އަވަށްޓެރި އިންޑިއާއިން އެޅި އެއްފިޔަވަޅު ކުރިއަށެވެ. ކަލްކަޓާގައި ފޮނިކާތަކެތި ވިއްކާ ފިހާރަކުން މިހާރު ވަނީ 'ކޮރޯނާ ސްވީޓްސް'ގެ ނަމުގައި މެޓާގަނޑުތައް ހިލަން ފަށާފައެވެ. ފިހާރަ ހިންގާ ފަރާތުން ބުނާ ގޮތުގައި، މިގޮތަށް މިކަން ކުރުމުގެ ބޭނުމަކީ ވައިރަހާ ކުރިމަތިލާ، އަދުގެ ހާލަތު ހަޖަމް ކުރުމަށް މީހުންނަށް ހިތްވަރު ދިނުމެވެ.

ކޮވިޑް-19 ތީމަށް ކޭކު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: ސްޓްރެއިޓްސްޓައިމްސް

ކޮރޯނާވައިރަހަށް ހާއްސަކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައްޔާރުކުރަމުންދާ މީރު ފޮނިކާތަކެއްޗަށް ހާއްސަކޮށްފައިވާ ވީޑިއޯތައްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި މިހާރުވެސްދަނީ ވައިރަލްވަމުންނެވެ.