ރާއްޖެއިން ކޮވިޑް19 އަށް އިތުރު ހަތަރު މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މި 4 މީހުންގެ ތަފްސީލެއް އެޗްޕީއޭއަކުން ހާމައެއް ނުކުރެއެވެ.

މިއަދު އިރު އޮށްސެނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހިތޯބެއްގައި، 14 މީހަކު ޕޮޒިޓިވް ވި ކަމަށް ވިދާޅުވިއެވެ. އެ 14 މީހުންނާ ބެހޭ ތަފްސީލުތައް އެޗްޕީއޭއިން ހާމަ ކޮށްފައި ވާއިރު، ހިމެނެނީ ބަންގްލަދޭޝްގެ ނުވަ މީހަކާއި، 3 ދިވެހިންނާއި ނޭޕާލުގެ 2 މީހުންނެވެ.

މިއަދު އިތުރަށް ޕޮޒިޓިވް ވި 4 މީހުންނާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ 4 މީހުންގެ ތެރެއިން އެކަކު ގުޅޭ ކްލަސްޓާއެއް ދެނެގަންނަން މަސައްކަތް ކުރައްވާއިރު، ދެން ތިބި 3 މީހުންނަކީ މިހާރުވެސް ކަރަންޓީނުގައި ތިބި 3 މީހެއް ކަމަށެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް 545 މީހަކު މިއަދާ ހަމައަށް ޕޮޒިޓިވް ވެފައި ވާއިރު އެންމެ ގިނައީ ބިދޭސީންނެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދުގެ 4 މީހުން ނުލައި، 349 މީހުންނަކީ ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިންވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ބަންގްލަދޭޝްގެ 277 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާއިރު ދިވެހިންގެ ތެރެއިން 186 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނިފައި ވާއިރު، ކުރިއަށް އޮތް ދެ ހަފްތާއަކީ އިތުރު ކޭސްތަކެއް ފެނި އަދަދު މައްޗަށް ދިއުމުގެ ފުރުސަތު އޮތް 2 ހަފްތާ ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އާންމު ރައްޔިތުން ސަމާލުވެ ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.