ރާއްޖޭގައި ތިބި ތައިލެންޑު މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ 131 މީހަކު ތައިލޭންޑަށް ފުރައިފިއެވެ.

މި މީހުން ފުރާފައި ވަނީ މޯލްޑިވިއަންގެ ބޯޓެއްގައެވެ.

މޯލްޑިވިއަން އިން ބުނީ، ރާއްޖޭގައި ތިބި ތައިލޭންޑް މީހުން އެމީހުންގެ އާއިލާތައް ކައިރިއަށް ފޮނުވުމުގައި މޯލްޑިވިއަންއާއި ރާއްޖޭގައި ހުންނަ ތައިލެންޑު ކޮންސިއުލޭޓާ ގުޅިގެން މަސައްކަތް ކޮށްފައިވާ ކަަމަށެވެ.

ރާއްޖޭގައި ހުންނަ ތައިލެންޑު ކޮންސިއުލޭޓުން ބުނީ، ރާއްޖޭގައި މިވަގުތު ތައިލެންޑު ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންނަށް ބޭއްވި މީ ދެވަނަ ރެޕަޓްރިއޭޝަން ފްލައިޓް ކަމަށެވެ. އަދި މި ފްލައިޓަކީ ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީ އާއި ގުޅިގެން ބޭއްވި ފްލައިޓެއް ކަމަށް ކޮންސިއުލޭޓުން ބުނެއެވެ.

ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ މީހުން އެނބުރި އެ ބައެއްގެ ގައުމަށް ފޮނުވަމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ މަހުގެ 21 ވަނަ ދުވަހު ބަންގްލަދޭޝްއަށް ނިސްބަތްވާ 68 ފަރާތެއްވެސް ބަންގްލަދޭޝް އެއާފޯސް ގައި ވަނީ ފުރުވާލާފައެވެ. މީގެ ތެރޭގައި އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ޑިޓެންޝަން ސެންޓަރުގައި ތިބި 29 ބިދޭސީއެއް ވެސް ހިމެނެއެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 25 އަދި 26 ވަނަ ދުވަހު އިޓަލީންނާއި އިންޑޮނޭޝިއާ އަދި ފިލިޕީންސުން ރާއްޖެއަށް އައި އިވެކުއޭޝަން ފްލައިޓުތަކުން ފުރުމުގެ ހުއްދަ ދީގެން ޖުމްލަ 701 ބިދޭސީން އެނބުރި އެ ފަރާތެއްގެ ގައުމުތަކަށް ވަނީ ފުރާފައެވެ.