ކޮވިޑް-19އަށް މުޅި ރާއްޖެ ލޮކްޑައުން ކޮށްފަިއވާ މި ހާލަތުގައި ރަށްރަށުން މާލޭގައި ތިބޭ އާއިލާ އަދި އެކުވެރިންނަށް ފޮނުވާ ހަދިޔާ ފޮށިގަނޑުތަކާ ހަވާލުވުމަށް އެދިއްޖެއެވެ.

ފުލުހުން ބުނީ، ކޮންމެ ދުވަހަކު ރަށްރަށުން މާލެއަށް އަންނަ ބޯޓުތަކުން ވަރަށް ގިނަ ހަދިޔާ ފޮށިގަނޑުތައް ލިބެމުންދާ ކަމަށެވެ. އެގޮތުން ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ނަގައިގެން އެ ޕާރުސަލްތަކާ ހަވާލުވުމަށް ދެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ޕާރުސަލް ހަވާލު ކުރުމުގެ މަސައްކަތުގައި އުޅޭ ބޯޓުގެ ފަޅުވެރިންނާއި އަދި އެތަކެއްޗާ ހަވާލުވުމަށް ދާ ފަރާތްތައްވެސް އަންގިއާއި މާސްކް ބޭނުން ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ހަމައެއާއެކު އެ ސަރަހއްދުގައި އެ ފޮށީގަނޑުތައް ބަލާ ދާ ފަރާތްތައް ސޯޝަލް ޑިސްޓަންސް ބެހެއްޓުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން ދާތީ މާލެ ލޮކްޑައުން ކޮށްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން ރަށްރަށުން އަންނަ ފަރާތްތައް މާލެއަށް ފޭބުން ވަނީ މަނާކޮށްފައެވެ. މުދާ އުފުލާ ދޯނި ފަހަރު މާލެއަށް އާދެވެނީ ހަމައެކަނި އެ ދޯނި ނުވަތަ ބޯޓެއްގެ ފަޅުވެރިންނާ އެކުގައެވެ.