ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަަތަށް ދިއުމުން ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ވިޔަފާރި ކުރާ ފަރާތްތަކަށް ދީފައިވާ ހުއްދަތައް ބާތިލްކޮށް، 1996 ފަރާތަަކަށް އާ ހުއްދަ ދީފިއެވެ.

ފުލުހުން ބުނީ، ޑެލިވެރީ ކުރާ ފަރާތްތަކަށް ފުލުހުން ދޫކުރާ އާ ހުއްދަ 1996 ފަރާތަކަށް އިއްޔެ ދޫކޮށްފައިވާ ކަމަށެވެ.

ލޮކްޑައުންގެ ހާލަތަށް މާލެ ސަރަހައްދު މި ދިޔަ މަހުގެ 15 ވަނަ ދުވަހު ގެންގޮސްފައި ވާއިރު، އޭރު ޑެލިވަރީ ކުރުމަށް ހުއްދަ ދީފައިވާ ފަރާތަތަކުގެ ހުއްދަ ބާތިލް ކުރަން ފުލުހުން ނިންމާފައި ވަނީ ސެކިއުރިޓީ ފީޗާތަކެއް އިތުރުކުރުމަށާއި ބައެއް ފަރާތްތަކަށް ދީފައިވާ ޑެލިވަރީ ހުއްދައިގެ ނާޖާއިޒު ފައިދާ ނަގަމުން ދާތީއެވެ. އެގޮތުން އޭރު ދޫކުރި ހުއްދަތައް 48 ގަޑިއިރު ހަމަވުމުން ވަނީ ބާތިލުވެފައެވެ.

އެގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން އިއްޔެ މެންދުރު 12:00 އާ ހަމައަށް ޑެލިވަރީ ބާތިލް ކުރުމުގެ ކުރިން ދިން 48 ގަޑިއިރުގެ މުއްދަތު ވަނީ ހަމަަވެފައެވެ.

މިހާރު ޑެލިވަރީ ކުރާ ފަރާތަތަަކަށް ދޭ އާ ހުއްދައިގައި ކިއުއާރް ކޯޑެއް އޮންނާނެއެވެ. އެ ކޯޑު މެދުވެރިކޮށް، ޑެލިވަރީ ކުރުމުގެ ހުއްދަ ދެވިފައިވާ ޒޯނާއި ހުއްދަ ދޫކޮށްފައިވާ ފަރާތުގެ މައުލޫމާތު މަގުމަތީގައި ޕެޓްރޯލް ކުރަމުން ދާ ފުލުހުންނަށް ފަސޭހަ ކަމާއެކީ ބަލާލެވޭނެއެވެ.