ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 21 ކުޑަކުދިންނާއި މާބަނޑު 2 މީހުން ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 519 މީހުން ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ 21 ކުދިންނާއި މާބަނޑު 2 މީހުންނެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ރާއްްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި އަދި ކަރަންޓީނު ކުރެވިފައި ވާ ފަރާތްތަކުގެ ތެރެއިން ސްޕެޝަލިސްޓް ފަރުވާ ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށް ދެމުން ދާ ކަމަށެވެ.

އެގޮތުން، ކުޑަކުދިންނާއި، މާބަނޑު މީހުން އަދި އުމުރުން ދުވަސްވީ ފަރާތްތަކުގެ އިތުރުން ދިގު މުއްދަތަކަށް ބޭސްކާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ގަވައިދުން ފޯރުކޮށްދެމުން ދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ކަރަންޓީނު ނުވަތަ އައިސޮލޭޝަން ފެސިލިޓީއަކަށް ސްޕެޝަލިސްޓް ޑޮކްޓަރުން ނުގޮސް، އެ ފެސިލިޓީތަކުގައި ތިބޭ މެޑިކަލް ޓީމާ ކޯޑިނޭޓްކޮށްގެން ވެސް މި ހިދުމަތް ފޯރުކޮށް ދެވޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވި ފަރާތްތަކުގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހިފައި ވަނީ 6 ފަރާތެކެވެ. އެ ފަރާތްތައް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ (11 ވަނަ ފަންގިފިލާ) ގައި ތިބި އިރު، ބައެއް ފަރާތްތަކަށް ދަނީ އޮކްސިޖަން ފޯރުކޮށް ދެމުންނެވެ. އަދި މި ހުރިހާ ފަރާތްތަކެއްގެ ހާލު ގޯސް ނުވާކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވައެވެ.