ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހާލު ސީރިއަސްވެ ގާތުން ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ އަށް ބަދަލުކުރި މީހުންގެ ތެރެއިން އެކަކު އައިސީޔޫއިން ނެރެ އެހެން ވޯޑަކަށް ބަދަލުކޮށްފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް19 ޖެހިގެން 6 މީހަކަށް ފަރުވާ ދެމުން ގެންދިޔަ ކަމަށެވެ. އޭގެތެރެއިން އެކަކު ބަލިން ކޮންމެވެސް ވަރަކަށް ރަނގަޅުވެފައިވާ ކަމަށާއި އެހެންކަމުން އެމީހާ ޑީއެޗް17 އަށް ބަދަލުކޮށްފައިވާ ކަމަށް ޑރ. ވިދާޅުވިއެވެ. ޑީއެޗް17 އަކީ ޑީއެޗް10 އިން ޑައުން ގްރޭޑު ކުރާއިރު ޕޭޝަންޓުން ޝިފްޓު ކޮށް ބައިތިއްބަން ހަމަޖައްސާފައި ހުންނަ ފްލޯއެވެ.

"ބަލި މީހާގެ ހަމައެކަނި މައްސަލައަކަށް ބޮޑަށް ހުރީ ލިވާގެ މައްސަލައެއް. އެކަން ފިޔަވާ އިތުރު އެހެން މައްސަލައެއް ނެތް. އެއް ސާމްޕަލް ވަނީ ނެގެޓިވް ވެސް ވެފައި މިހާރު. އަދި ދެވަނަ ސާމްޕަލްގެ ރިޕޯޓު އަޅުގަނޑުމެންނަކަށް ނުލިބޭ،" ޑރ. ވިދާޅުވިއެވެ.

ދެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި ވަނީ 88 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާ އެޑްމިޓު ކުރިތާ މިހާރު ތިން ދުވަސް ވެފައިވާ ކަމަށް ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. އެމީހާގެ ހާލަތު އެހާ ރަނގަޅު ނޫންކަން ފާހަގަކުރައްވާ ޑރ. ވިދާޅުވީ އެމީހާގެ އެހެން ބަލިތައް ވެސް ހުރުމާއި އެކު ގޯސްވުމުގެ ފުރުސަތުވެސް އެބަހުރި ކަމަށެވެ.

ތިންވަނަ އަށް އޮތީ 49 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާ ވެސް އޮތީ އޮކްސިޖަންގައި ކަމަށް ޑރ. ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމީހާ ގައިން ހުން އައުން ނޫން އެހެން އިތުރު ކަމެއް މިހާރު ފާހަގަނުވާ ކަމަށެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ނޭވާ ލުމަށް އުނދަގުވާ ކަމަށެވެ. އޮކްސިޖަން ދެމުން ގެންދަނީ އެހެންވެގެން ކަމަށް ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

ހަތަރުވަނަ އަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެނީ 58 އަހަރުގެ އަންހެނެކެވެ. އެމީހާގެ ހާލަތުވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. އެމީހާ އެޑްމިޓު ކުރެވުނުތާ މިއަދަށް 6 ދުވަސްވަނީ ވެފައެވެ. އެމީހާ އަށް ދެމުން ގެންދާ ބައެއް ބޭސްތައް ވެސް މިއަދު ހުއްޓާލާނެ ކަމަށް ވިދާޅުވިއެވެ.

ދެން އޮތީ 80 އަހަރުގެ މީހެއް ކަމަށާއި އެމީހާ އެޑްމިޓު ކުރެވުނުއިރުވެސް އިތުރު ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. އެމީހާ އެޑްމިޓު ކުރިތާ 12 ދުވަސް ވެފައިވާއިރު އެމީހާގެ ކޮވިޑް19 ސާމްޕަލް ނެގެޓިވްވެފައި ނުވާ ކަމަށް ޑރ. ވިދާޅުވިއެވެ.

ހަވަނަ މީހެއްގެ ގޮތުގައި އޮތީ 70 އަހަރުގެ މީހެކެވެ. އެމީހާގެ ހާލަތުވެސް އެހާ ގޯސް ނޫން ނަމަވެސް އަދި ރަނގަޅު ނުވާ ކަމަށާއި އެމީހާގެވެސް ކުދިކުދި އެހެން މައްސަލަތައް ފާހަގަކުރެވިފައި އެބަހުރި ކަމަށް ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

ކޮވިޑް19 އާއި ގުޅިގެން އިތުރު ފަރުވާ ދޭ ހުރިހާ ފަރާތްތައް ވެސް ގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 އަށެވެ. އެތަނަކީ ހާއްސަ ފަރުވާ ދިނުމަށް ގާއިމް ކޮށްފައިވާ ތަނެކެވެ. އެތަނުގައި 10 އެނދު ހުންނާނެ ކަމަށް އައިޖީއެމްއެޗުގެ ޑރ. އަލީ ނަޒީމް ވަނީ ވިދާޅުވެފައެވެ. އެ ހޮސްޕިޓަލުގެ ޑީއެޗް16 ވެސް މިހާރު ބޭނުން ކުރަމުން އަންނަ ކަމަށާއި އެތަނަކީ މާބަނޑު އަންހެނުންގެ ރެސްޕޮންސް އަށް މީގެ ފަސް ވަރަކަށް ހަފްތާ ކުރިން ބޭނުން ކުރަން ފެށި ތަނެއް ޑރ. ނަޒީމް ވިދާޅުވިއެވެ. ޑރ. އެފަދައިން ވިދާޅުވިއިރު ކޮވިޑް19 އަށް މާބަނޑު މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.