އިތުރު 12 މީހުން ޕޮޒިޓިވް ވެ މިއަދު ޕޮޒިޓިވް ވި މީހުންގެ އަދަދު 107 އަށް އަރައިފިއެވެ. އެޗްޕީއޭއިން ކުރި ޓްވީޓުގައި ބުނީ ޕޮޒިޓިވް ވި މީހުންގެ އަދަދު 396 އަށް އަރާފައި ވާކަމަށެވެ. ނަމަވެސް މިހާތަނަށް އެޗްޕީއޭއިން އަޕްޑޭޓް ކުރި ޓްވީޓުގައި ތަފްސީލު ދީފައި ވަނީ 95 މީހަކާ ބެހޭ ގޮތުންނެވެ. ބާކީ 12 މީހުންގެ ތަފްސީލެއް ހިމަނާފައި ނުވާއިރު އޭގެ ތެރޭގައި ދިވެހިންވެސް ހިމެނޭކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.

މިއަދު ކުރިން ޕޮޒިޓިވް ވި 95 މީހުންގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ 61 މީހަކާއި 32 އިންޑިއާގެ މީހެއްގެ އިތުރުން ނޭޕާލްގެ 2 މީހަކު ހިމެނޭ ކަމަށް އެޗްޕީއޭން ބުނެއެވެ.

މިއަދު އެކަނި 107 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، ޖުމްލަ އަދަދު މި ވަނީ 396 އަށް އަރާފައެވެ. މީގެ ތެރެއިން 17 މީހަކު މިހާރު ބަލިން ރަނގަޅު ވެފައި ވާއިރު، 2 މީހަކު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އަދި މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 358 މީހުންނެވެ.

މިހާލަތާ ގުޅިގެން މާލެ ސަރަހައްދު ވަނީ މިމަހު 15 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގެ ހާލަތެއްގައެވެ. އަދި މިހާރު މުއްދަތު ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހަށް އިތުރު ކޮށްފައެވެ. މީގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްތަކުން ވެސް މި ބަލި ފެނިފައި ވުމާއެކު ބައެއް ރަށްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.