މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ ރަށްރަށަށް ގޮސް ތިބި މީހުންގެ ތެރެއިން މާލެ އަށް ނާދެވިފައި ތިބި މީހުންގެ މައުލޫމާތު މާލެ ސިޓީ ކައުންސިލާ ހިއްސާ ކުރުމަށް އެދިއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ މާލެ ސިޓީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ތެރެއިން އެކިއެކި ބޭނުންތަކަށް ރަށްރަށަށް ދަތުރުކޮށް މާލެ ސިޓީގެ ލޮކްޑައުންގެ ސަބަބުން މާލެ ސިޓީއަށް ނާދެވި ތާށިވެފައި ތިބި މީހުންގެ މައުލޫމާތު އެ ކައުންސިލަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެ މީހުންގެ މައުލޫމާތުތައް އަންނަ މަހުގެ ތިންވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން 9955788 އެ ނަންބަރަށް ހިއްސާ ކުރުމަށް އެދޭ ކަމަށް މާލެ ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

ހިއްސާ ކުރަންޖެހޭ މައުލޫމާތުތައް:

  • ފުރިހަމަ ނަން
  • ދާއިމީ އެޑްރެސް
  • އައިޑީ ކާޑު ނަންބަރު
  • އަތޮޅާއި ރަށް
  • މިހާރު އުޅޭ އެޑްރެސް
  • މޮބައިލް ނަންބަރު
  • މާލެއިން ފުރި ތާރީހު
  • ދަތުރުކުރަން ބޭނުންވާ ސަބަބު
  • އީ މެއިލް އެޑްރެސް

މާލެ ސިޓީ ކައުންސިލުން ބުނީ މާލެއަށް އަންނަން ބޭނުންވެ ނާދެވިފައި ތިބި ހުރިހާ ފަރާތްތަކުން ވެސް އެމައުލޫމާތުތައް ފުރިހަމަ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މާލެ ސިޓީ ލޮކްޑައުން ކޮށްފައި ވަނީ މި މަހުގެ 15ވަނަ ދުވަހު މާލެއިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ ދުވަހު މާލެ ސިޓީ 24 ގަޑިއިރަށް ލޮކްޑައުން ކުރިއެވެ. ނަމަވެސް ޖެހިގެން އައި 16ވަނަ ދުވަހު އަނެެއްކާވެސް އިތުރު 24 ގަޑިއިރަށް މާލެ ސިޓީ ލޮކްޑައުން ކުރިއެވެ. އޭގެފަހުން މި މަހުގެ 17ވަނަ ދުވަހު 14 ދުވަހަށް މާލެ ސިޓީ ލޮކްޑައުން ކުރުމަށްފަހު އިއްޔެ ވަނީ އަނެއްކާވެސް އިތުރު 14 ދުވަހަށް ލޮކްޑައުން ކުރުމަށް ނިންމާފައެވެ.