އިތުރު 2 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ޖުމްލަ 280 އަށް އަރައިފިއެވެ.
މިޙާރު ދަރުވާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ 280 އަށް އަރާފައި ވާކަމަށެވެ. ނަމަވެސް ޕޮޒިޓިވް ވީ ދިވެހިން ކަމެއް، ނުވަތަ ބިދޭސީން ކަމެއް ހާމައެއް ނުކުރެއެވެ.
އެޗްޕީއޭން މިއަދު ބުނީ ޕޮޒިޓިވްވީ 28 މީހުން ކަމަށެވެ. އޭގެ ތެރޭގައި އެކަކު ފިޔަވާ ދެން ތިބީ ހުސް ދިވެހިންނެވެ. މިއަދު ޕޮޒިޓިވް ބިދޭސީ މީހާއަކީ ޕާކިސްތާނަށް ނިސްބަތްވާ މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 28 އަށް އަރައިފައި އޮއްވާ އިތުރު ދެމީހަކު ޕޮޒިޓިވް ވި ކަމަށް ޑރ. އަލީ ލަތީފު އިއުލާނު ކުރެއްވުމާއެކު މިބައްޔަށް ޕޮޒިޓިވް ބަލިމީހުންގެ ގޮތުގައި މިހާރު 263 މީހުން އެބަތިއްބެވެ. ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު 117 އަށް އިތުރުވީ އިރު، ބަލިޖެހުނު ބިދޭސީންގެ އަދަދު ވަނީ 152 އަށް އަރާފައެވެ. އެންމެ ގިނަ އަދަދަކަށް ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ބަނގްލަދޭޝް މީހުންނެވެ. އަދި އޭގެ ތެރޭގައި ބާޒާރު ކްލަސްޓައާއި ގުޅުން ހުރި ފަރާތްތައް ގިނަކަން އެޗްޕީއޭން ވަނީ ހާމަ ކޮށްފައެވެ.
މާލެއިން ކޮވިޑް-19 ފެނިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެފަހުން މާލެއިންނާއި ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ ދުވަހަކުވެސް ވަކި ވަރަކަށް މީހުން އަންނަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވަމުންނެވެ. އެގޮތުން މާލެއިން ބޭރުން ރާއްޖޭގެ ބައެއް ރަށްތަކުން ވެސް މި ބައްޔަށް ޕޮޒިޓިވް ވި މީހުން ވަނީ ފެނިފައެވެ.
މާލެއިން ކޮވިޑް19 ފެނުމުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ނިންމި 14 ދުވަހުގެ މުއްދަތު މިއަދު ހަމަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިތުރު 14 ދުވަހަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ނިންމާފައެވެ.