ކޮވިޑް ޖެހިފައި ތިބި 5 މީހުން އައިސީޔޫގައި އެބަތިބި ކަމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އޭގެ ތެރެއިން ބައެއް މީހުންނަކީ ކޮމްޕްލިކޭޝަންސް ހުރި މީހުން ކަމަށެވެ.

އިތުރު ތަފްސީލު ދެއްވަމުން ޑރ. މޫސާ ހުސެިން ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަކުގެ ޑީއެޗް11 ގައި ތިބި 5 މީހުންގެ ތެރެއިން 3 މީހުންގެ ހާލު ސީރިއަސް ކަމަށާއި އެމީހުން ވެންޓިލޭޓަރަށް ނުލިނަމަވެސް ހާލު ސީރިއަސް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޑީއެޗް11 ގައި ތިބި މީހުންގެ ތެރެއިން އުމުރުން 80 އަހަރުގެ މީހެއްގެ އޮކްސިޖަން ދަށްވެގެން އޮކްސިޖަން ދޭން ޖެހުނު ކަމަށެވެ.

މިހާރު ދަރުމަވަންތަ ހޮސްޕިޓަލުގެ ޑިއެޗް11 ގައި ތިބި މީހުންގެ ތެރެއިން އެ ފަރާތަކީ ކަރަންޓީނު ފެސިލިޓީއަކުން ގެންދިޔަ މީހެކެވެ. ދެން ތިބީ ބަލި ހާލަތުގެ ގޮތުން ހޮސްޕިޓަލަށް ގެންދިޔަ މީހުންނެވެ.

ކޮވިޑް ޖެހިގެން ހާލު ބޮޑުވެގެން 5 މީހަކު އައިސީޔޫގައި އޮތް އިތު މިއަދާ ހަމައަށް އެންއޯސީން ބުނަމުން އައީ، މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވި އެންމެން ސްޓޭބަލް ކަމަށެވެ. އަދި މިއަދު ކޮވިޑް ޖެހި އުމުރުން 83 އަަހަރުގެ މީހަކު މަރުވެފައި ވާއިރު، އޭނާއަށް އަޅާ ނުލެވި ލަސްވެގެން ދިޔަ ކަމުގެ ޝަކުވާތައް އޭނާގެ އާއިލާގެ ފަރާތުން ހާމަކޮށްފައި ވެއެވެ. އެގޮތުން އޭނާ ބަލިކަމާ، އޭނާއާ ގުޅޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރަމުން ގެންދިޔަ ނަމަވެސް ފަރުވާ ކުޑަކުރިކަމުގެ ތުހުމަތު ކޮށްފައި ވެއެވެ.

ކޮވިޑް ޖެހި ހާލު ސީރިއަށް 5 މީހަކު އައިސީޔޫގައި ތިބި އިރު، އޭގެ ތެރެއިން 4 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ޕާކިސްތާނުގެ ރައްޔިތެކެވެ.