ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ހުރި ގެއަކަށް ނިސްބަތްވާ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ. އޭނާ ކޮވިޑަށް ޓެސްޓް ކުރި އިރު ޕޮޒިޓިވް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ އަންހެނެއް ކަމަށްވެސް ބުނެފައިވެއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓާ އޮފް ހެލްތު އަބްދުﷲ އަމީން ވަނީ އެކަން އިއުލާން ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިއީ ކޭސް 126 އާ ގުޅުން ހުރި މީހެއް ކަމަށެވެ.

މިއަދު ކޮވިޑް ޖެހި އުމުރުން 83 އަަހަރުގެ މީހަކު މަރުވެފައި ވާއިރު، އޭނާއަށް އަޅާ ނުލެވި ލަސްވެގެން ދިޔަ ކަމުގެ ޝަކުވާތައް އޭނާގެ އާއިލާގެ ފަރާތުން ހާމަކޮށްފައި ވެއެވެ. އެގޮތުން އޭނާ ބަލިކަމާ، އޭނާއާ ގުޅޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރަމުން ގެންދިޔަ ނަމަވެސް ފަރުވާ ކުޑަކުރިކަމުގެ ތުހުމަތު ކޮށްފައި ވެއެވެ.

ކޮވިޑް ޖެހި ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އުމުރުން ދުވަސް ވީ މީހުން ހިމެނޭ އިރު، މިހާރުވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި އޮތް އުމުރުން 80 އަހަރުގެ މީހާގެ ހާލުވެސް ސީރިއަސް ކަމަށް ވަނީ މައުލޫމަތު ލިބިފައެވެ. އަދި އެ ވޯޑުގައި 5 މީހަކު އެޑްމިޓްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 3 މީހަކަށް މިހާރުވެސް އޮކްސިޖަން ޓްރީޓްމަންޓް ދެމުންދާކަމަށް ވަނީ ބުނެފައެވެ.