އިންޑިއާގެ މަރުކަޒީ ބޭންކު (އާރް.ބީ.އައި)އާއެކު 400 މިލިއަން ޑޮލަރާ ހަމައަށް ފައިސާ މަރުކާރުމަށް ނުވަތަ ކަރަންސީ ސްވޮޕަށް ބާރުދޭ އެއްބަސްވުމެއް އެކުލަވާލުމަށް ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުން ރުހުން ދީފައިވާކަމަށް، ސްރީލަންކާގެ ކޯ-ކެބިނެޓް ތަރުޖަމާނު ބަންޑޫލާ ގުނަވަރުދަނާ ވިދާޅުވެއްޖެއެވެ.

މި އެއްބަސްވުމާއެކު ސްރީލަންކާގެ ރިޒާވް ތިޔާރު ކުރުމަށްޓަކައި އާރް.ބީ.އައިއިން ލޯނަށް ފައިސާ ނެގުމުގެ ފުރުސަތު، ސްރީލަންކާގެ މަރުކަޒީ ބޭންކަށް ފަހިވެގެންދާނެއެވެ.

އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ސްރީލަންކާގެ ފައިސާގެ އަގު ދަށަށް ގޮސްފައިވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއެކު ސްރީލަންކާގެ މަރުކަޒީ ބޭންކުން ލިކިއުޑިޓީ އިންޖެކްޓް ކުރަން ފެށުމުންނެވެ. ލިކުއިޑިޓީ އިންޖެކްޓް ކުރުމަކީ، މަރުކަޒީ ބޭންކުން، މެމްބަރު މުއައްސަސާތަކަށް ކުރު މުއްދަތުގެ ލޯނުތައް ދޫކުރުމެވެ.

މި ގޮތަށް ލިކުއިޑިޓީ އިންޖެކްޓް ކުރަން ފެށުމުން ބޭރުގެ ފައިސާގެ ރިޒާވްއަށް އެކަމުގެ އަސަރު ފޯރައެވެ. މިކަމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ ފައިސާގެ އަގު އިންތިހާއަށް ދަށަށް ދެއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު އެންމެ ބަލިކަށި ފައިސާގެ ނިޒާމެއް އޮންނަނީ ސްރީލަންކާގައެވެ.

ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން މި ހަފުތާގައި އިންޑިއާއިން ވަނީ ރާއްޖެއަށް 150 މިލިއަން ޑޮލަރު ދޫކޮށްފައެވެ.