ރައްޔިތުންގެ މަޖިލީހުން ބޭނުންވި މައުލޫމާތު މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީން ދެއްވައިފިއެވެ.

މަޖިލީހުން ބުނީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް މިނިސްޓަރު އަމީންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލުގެ ޖަވާބު މިއަދުގެ އިރުއޮއްސި 6:31 ގައި މަޖިލީހުގެ އިދާރާއަށް އީމެއިލް މެދުވެރިކޮށް ލިބިފައިވާ ކަމަށެވެ.

މި ޖަވާބު ލިބިފައި ވަނީ އެ ޖަވާބު ނުލިބޭ ކަމާށް ބުނެ މިއަދު 6:12 ގައި މަޖިލީހުން ބަޔާން ނެރުނު ފަހުން ކަމަށް މަޖިލީހުން ބުނެއެވެ.

މިނިސްޓަރު އަމީނަށް ފޮނުއްވި ސިޓީއަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ދިން މުއްދަތް ހަމަވި އިރުވެސް ޖަވާބު ނުދެއްވާތީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފުވެ ވަޑައިގެންފައިވާ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުން ނެރުނު ބާޔާނުގައި ބުނީ، ގާނޫނު އަސާސީގެ 98 ވަނަ މާއްދާއާއި މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާގެ ދަށުން، ލިއުމުން ޖަވާބު ހޯދުމަށް މިމަހުގެ 14 ވަނަ ދުވަހު މިނިސްޓަރު އަމީނަށް ސުވާލު ފޮނުއްވާފައި ވަނީ މެންބަރު އަހްމަދު ހައިތަމް ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 74 ވަނަ މާއްދާގެ ދަށުން މިނިސްޓަރަށް އެރުވުނު 14 ދުވަހުގެ ނޯޓިހު މުއްދަތު ހަމަވެފައި ވަނީ އިއްޔެއާ ހަމައަށް ކަމަށް މަޖިލީހުން ބުނެއެވެ. ނަމަވެސް މިއަދު މެންދުރު 2:00 އަށް ޖަވާބުދާރީ ވުމަށް ދިން ފުރުސަތު ހަމަވިއިރު ވެސް މިނިސްޓަރު އަމީން ޖަވާބު ފޮނުއްވާފައި ނުވާކަމަށް މަޖިލީހުން ބުނެފައިވެއެވެ.