މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް، ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް ފޮނުއްވި ސިޓީއަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ދިން މުއްދަތް ހަމަވި އިރުވެސް ޖަވާބު ނުދެއްވާތީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފުވެ ވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ މެންބަރު ހައިތަމް، މިނިސްޓަރު އަމީންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލަށް ޖަވާބު ފޮނުއްވާފައި ނުވާތީ އެ ކަމާ ގުޅިގެން މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުން ނެރުނު ބާޔާނުގައި ބުނީ، ގާނޫނު އަސާސީގެ 98 ވަނަ މާއްދާއާއި މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާގެ ދަށުން، ލިއުމުން ޖަވާބު ހޯދުމަށް މިމަހުގެ 14 ވަނަ ދުވަހު މިނިސްޓަރު އަމީނަށް ސުވާލު ފޮނުއްވާފައި ވަނީ މެންބަރު އަހްމަދު ހައިތަމް ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 74 ވަނަ މާއްދާގެ ދަށުން މިނިސްޓަރަށް އެރުވުނު 14 ދުވަހުގެ ނޯޓިހު މުއްދަތު ހަމަވެފައި ވަނީ އިއްޔެއާ ހަމައަށް ކަމަށް މަޖިލީހުން ބުނެއެވެ. ނަމަވެސް މިއަދު މެންދުރު 2:00 އަށް ޖަވާބުދާރީ ވުމަށް ދިން ފުރުސަތު ހަމަވިއިރު ވެސް މިނިސްޓަރު އަމީން ޖަވާބު ފޮނުއްވާފައި ނުވާކަމަށް މަޖިލީހުން ބުނެއެވެ.
އެހެންކަމުން ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓަރު އަމީން ހިލާފުވެ ވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް ދެކިވަޑައިގަންނަވާ ކަމަށް މަޖިލީހުން ނެރުނު ބަޔާނުގައި ވެއެވެ.
ނަމަވެސް މިކަމާ ދެން އަޅުއްވާނެ ފިޔަވަޅެއް ފާހަގަ ކުރައްވާފައެއް ނުވެއެވެ.
ވަޒީރަކު ގަަވައިދާ ހިލާފުވުންމުން ނަމޫނާއިން ނަމޫނާ ދައްކަވައިފި. ގާނޫނުގެ އަތް ނުފޯރާ ހިސާބުތަކާއި އިންތައް ކޮންމެ ސަރުކާރެއްގައި ހުރޭމެއެވެ.