ރިމޯޓް އެޑިއުކޭޝަނަށް މަގުފަހިކޮށްދިނުމަށް އެޑިއުކޭޝަން ޒޯނެއް ދިރާގު ޓީވީގައި ގާއިމުކޮށްފިއެވެ.

ދިރާގުން ބުނީ، ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން، ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް ކިޔަވާ ކުދިން ތައުލީމު ހާސިލް ކުރުމަށް ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ކުރިއަށްވުރެ އިތުރަށް ބޭނުން ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން، ރިމޯޓް އެޑިއުކޭޝަންއަށް މަގުފަހިކޮށް ކިޔަވާ ކުދިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ދިރާގުޓީވީ މެދުވެރިކޮށް ވީއޯޑީ ޕްލެޓްފޯމުގައި ހާއްސަ އެޑިއުކޭޝަން ޒޯނެއް "އެޑިއު ޒޯން"ގެ ނަމުގައި ގާއިމުކޮށްފައިވާ ކަމަށް ދިރާގުން ބުނެއެވެ.

އެޑިއު ޒޯންގައި ހިމެނޭ ކޮންޓެންޓް ހޯދާފައިވަނީ ރާއްޖޭގެ މަޝްހޫރު އެޑިއުކޭޝަން ކޮންޓެންޓް ޑިވެލޮޕްކުރާ ބައެއްކަމުގައިވާ ހޮލޮގޯއާ ގުޅިގެން ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން، ހޮލޮގޯ ވަނީ ދާދި ފަހުން ގޭގައި ތިބެގެން ކިޔެވުމަށް އެންމެ ރަނގަޅު އެޕެއް ކަމަށް އެޕަލް އިން ލިސްޓްކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ވެސް ހިމެނިފައެވެ.

ދިރާގުން ބުނީ، ދިރާގު ޓީވީ މެދުވެރިކޮށް އެއްވެސް އަގަކާނުލާ މެއި މަހުގެ ނިޔަލަށް އެޑިއު ޒޯން ބޭނުން ކުރެވޭނެ ކަމަށެވެ. ދިރާގު ޓީވީގެ އެޑިއު ޒޯންގެ ކޮންޓެންޓްތައް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ނުވަތަ ވީ. އޯ. ޑީ ފީޗާއިން ޖޮއިބޮކްސް މެދުވެރިކޮށް ބަލާލެވޭނެ ކަމަށާއި އަދި ގޭގައި ދިރާގު ޓީވީ ނުހުންނަ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ މޮބައިލް އެޕް، ޓެބްލެޓް ނުވަތަ މޯބައިލް ފޯނަށް އަޅާ ޔޫސާނޭމް އަދި ޕާސްވޯޑެއްގެ ގޮތުގައި “Play” ޖެހުމަށްފަހު އެ ކޮންޓެންޓްތައް ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. މީގެ އިތުރުން ދިރާގު ޓީވީ އެޕް ބޭނުން ކުރުމަށް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކްތަކަކުން އެއްވެސް ޑޭޓާ ޗާޖެއް ނުހިގާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ، މި ދުވަސްކޮޅާ ގުޅިން މި ކޮންޓެންޓްތައް ހިލޭ ކޮންމެ ކިޔަވާކުއްޖަކަށްވެސް ބަލާލުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ ބޭނުމަކީ މިފަދަ ދަނޑިވަޅެއްގައިވެސް ސްކޫލް ކުދިންގެ ކިޔެވުމަށް ބުރޫނާރޭނެހެން، ބޭނުންތެރި ތައުލީމީ ކޮންޓެންޓް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ދިރާގުޓީވީ އަކީ މިހާރު ރާއްޖޭގައި ހުރި ހަމައެކަނި "އެޑިއުޓެއިންމެންޓް" ޕެލެޓްފޯމެވެ. އެޑިއުޒޯންގައި އައިޖީސީއެސްއީ ކަރިކިއުލަމްގެ މާއްދާތަކާ ގުޅޭ މުހިންމު ކޮންޓެންޓް އެކުލެވިގެންވެއެވެ. އަދި މީގެ ތެރޭގައި ވީޑިއޯ ފިލާވަޅުތަކުގެ އިތުރުން އޯގްމެންޓެޑް ރިއަލިޓީ ނުވަތަ އޭއާރް ޓެކްނޮލޮޖީ މެދުވެރިކޮށް ގެނެސްދޭ ބައެއް ފިލާވަޅުތައްވެސް ހިމެނެއެވެ. އެޑިއު ޒޯންގައި އެކުލެވިގެންވާ ކޮންޓެންޓް ހަދާފައިވަނީ ތައުލީމީ ދައިރާގެ ބޭފުޅުންގެ ލަފާގެ މަތިން ގްރޭޑް 6 އިން 10 އަށް ކިޔަވާ ދަރިވަރުނަށް އަމާޒުކޮށްގެންނެވެ.

ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ކިޔަވާކުދިންނަށް ކޮންޓެންޓް ބަލާލެވުމުގެ ފުރުސަތު ހުޅުވައިދެއެވެ. އަދި މި ފީޗާ ފަރުމާކޮށްފައި ވަނީ ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ " އޮން ޑިމާންޑް" ޖަހާފައިވާ ބަޓަން އަށް ފިތާލުމުން ވީޑީއޯ އޮން ޑިމާންޑް ކޮންޓެންޓްތައް ބަލާލެވޭނެއެވެ.