ފާއިތުވި ހަސް ދުވަސްތެރޭ 40،000 ބަސްތާގެ ކާޑު އަތޮޅުތެރެއަށް ފޮނުވާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާއިތުވި ހަތް ދުވަސްތެރޭ ރަށްރަށަށް ކާޑު ގެންދާ އޮޑިފަހަރަށް 40،000 ބަސްތާގެ ކާޑު އަރުވާފައިވާ ކަމަށާއި ކޮވިޑް-19 ގެ ދަތިތަކާއި އެކު ރޯދަ މަސް އައުމުން އައި ކާޑުގެ ބޮޑު ޑިމާންޑަށް ކޭޓާ ކުރުމަށް އެސްޓީއޯގެ މުވައްޒަފުން ކޮންމެ ދުވަހަކު ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަހަރުގެ ރޯދަ މަސް ދިމާވެފައިވަނީ ހާއްސަ ހާލަތެއްގައި ކަމަށްވާތީ ކާޑުގެ ޑިމާންޑް އިތުރުވެފައިވާ ކަމަށާއި ނަމަވެސް ކާޑުގެ ދަތިކަމެއް ނެތް ކަމަށް އަމްރު ވިދާޅުވިއެވެ. މާލެ ސަރަހައްދު ފިހާރަތަކަށް ކާޑު ގުދަނުން ކާޑު ގެންދެވޭނެ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ ރަށް ރަށުގެ ކާޑު ހުރިވަރު ބެލުމަށް ދަނީ ގުޅަމުން ކަމަށާއި އެގޮތުން މިހާތަނަށް 58 ރަށެއްގެ ކައުންސިލާއި ގުޅާފައިވާ ކަމަަށެެވެ. އަދި ހުރިހާ ރަށަކަށް ގުޅާ ކާޑުގެ ދަތި ކަމެއް އޮތްނަމަ އެކަން ހައްލުކުރަން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް އަމްތު ވަނީ ވިދާޅުވެފައެވެ.

އެސްޓީއޯއިން މީގެ ކުރިން ބުނެފައި ވަނީ ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުންދާ ކޮވިޑް19ގެ ސަބަބުން ރާއްޖެއިން ކާޑުގެ ބާވަތްތަކާއި ބޭހުގެ ބާވަތްތައް ހުސްވެދާނެތީ ރައްޔިތުން ހާސްނުވުމަށާއި އެންމެ ނުރައްކާތެރި ހާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ ތަކެތި ލިބޭނެ ގޮތް ހެދުމަކީ އެސްޓީއޯގެ އަމާޒުކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ އެފަދަ ހާލަތަކަށް ދިޔަނަމަވެސް އެސްޓީއޯ އޮތީ ތައްޔާރަށް ކަމަށެވެ.