އެންޓިބައޮޓިކްތަކަށްވެސް ނުގުޑާ 'ސުޕާބަގް' ތަކުގެ ވާހަކައަކީ މިފަހަކައަށް އައިސް އަޑުއިވެމުންދާ ވާހަކަތަކެކެވެ. މިފަދަ އިންފެކްޝަންތަކާ ކުރިމަތިލާންޖެހެނީ ކީއްވެތޯ ވިސްނާލެވިފައި އޮންނަނީވެސް މަދު ފަހަރަކުއެވެ. މިކަން މިހެން ދިމާވަނީ ކީއްވެތޯ ބަލާއިރު، ލިބޭ އެއް ޖަވާބު ވަރަށްވެސް ހައިރާންކުރުވަނިވި ކަމުގައި ދެންނެވިދާނެއެވެ. އެހެނީ، އެންޓިބައޮޓިކްއަށް ހަށިގަނޑު ހޭނިފައި ހުރުމެވެ. މިކަން މެދުވެރިވަނީ އެންމެ މީރުވެގެން ކާލާ ފިހުނު ކުކުޅުގެ ސަބަބުން ކަމުގައިވެސް ވެދާނެއެވެ.

އެންޓިބައޮޓިކްއަށްވެސް ނުގުޑާ ހާލަތަށް ދަނީ ކިހިނެއް؟

ހޭލުންތެރިކަން އިތުރުވާ ވަރަކަށް، ކާބޯތަކެތީގައި އެންޓިބައޮޓިކްސް އެލުވޭ މިންވަރަށް ސަމާލުކަންދޭ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އެންޓިބައޮޓިކްސްއާއި ނުލާ އުފައްދާފައި ހުންނަ ކަބޯތަކެތި ބޭނުންކުރުމަށް ސަމާލުކަން ދޭ މީހުންގެ ނިސްބަތްވެސް އަންނަނީ އިތުރުވަމުންނެވެ.

ކެއިންބުއިމުގައި ބޭނުންކުރާ ބައެއް ކަހަލަ ނާމްސޫފި ޖަނަވާރު ގެންގުޅޭ ބައެއް ފަރާތްތަކުން، ކާބޯތަކެތީގެ ގޮތުގައި މިތަކެތި ބޮޑު އަގުގައި ވިއްކާލުމަށް ގިނަ އަދަދަކަށް އެންޓިބައޮޓިކްސް ބޭނުންކުރެއެވެ. އަދި މިފަދަ ކާބޯތަކެތީގައި 'ސުޕަބަގްސް' އަށަގަނެއެވެ. މިފަދަ ކާބޯތަކެތި ބޭނުންކުރުމުން މި ސުޕާބަގް ދެން ދަތުރުކުރަނީ އިންސާނުންގެ ހަށިގަނޑަށެވެ. ނަތީޖާއަކަށްވަނީ ބޭސްފަރުވާކޮށްގެންވެސް ރަނގަޅު ނުވާ ބަލިތައް ޖެހުމެވެ.

ކުކުޅު ކޮއްޓެއް/ފޮޓޯ: ފަސްޓްޕޯސްޓް

އެންޓިބައޮޓިކްސްއަކީ ނުރައްކާތެރި ބެކްޓީރިއާ އުފެއްދުން ހުއްޓުވާލާ ޑްރަގްއެކެވެ. ނާމްސޫފި ފަދަ ޖަނަވާރުތައް ގެންގުޅޭ ފަރާތްތަކުން އެންޓިބައޮޓިކްސް ބޭނުންކުރަނީ ބެކްޓީރިއާގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމުގެ މަގުސަދުގައެވެ. އަނެއް ބައި ފަރާތްތަކުން މިކަން ކުރަނީ މި ޖަނަވާރުތައް ދަރިމައިވާ މިންވަރު އިތުރު ކުރުމުގެ މަގުސަދުގައެވެ.

ބައެއް ކަހަލަ މޭވާއާއި ތަރުކާރީއަށްވެސް މި ތަގައްޔަރުކަން ކުރިމަތިވެއެވެ.

ދެން ހަދާނީ ކިހިނެއް؟

އެންމެ ކަންބޮޑުވާންޖެހޭ އެއް ސަބަބަކީ، އެ އުފެއްދުމަކީ "އެންޓިބައޮޓިކްސް" އިން ސަލާމަތްވެފައިވާ އުފެއްދުމެއް ކަން، ނުވަތަ އެންޓިބައޮޓިކްސް ބޭނުންކޮށްފައިވާ އުފެއްދުމެއްކަން މާ ސާފުކޮށް ލޭބަލްކޮށްފައި ނެތުމެވެ. ކޮންމެ ޖަނަވާރައަކީވެސް އޭގެ ބަނޑުގައި ޖަރާސީމު އަށަގެންފައިވާނެ ޖަނަވާރެއް ކަމަށް ގަބޫލުކުރަން ޖެހެއެވެ. ތާ އަބަދު އޯގޭނިކް އުފެއްދުންތަކަށް ބަރޯސާވުމަކީ ކޮންމެ ކޮންމެ މީހެއްގެ ޖީބަށް ކަތާނެ ކަމެއް ނޫނެވެ.

އެހެންކަމުން، އެންޓިބައޮޓިކްއަށް ނުގުޑާ ބެކްޓީރިއާއިން ސަލާމަތްވުމަށް، ކާބޯތަކެތި ތައްޔާރު ކުރުމުގެ ރައްކާތެރި މިންގަނޑުތަކަށް އަބަދުވެސް ސަމާލުވާންޖެހެއެވެ.