ތިބިތަނުގައި ދިރިއުޅެވޭނެ ފަދައެއް ނެތިގެން ކަނޑު ބޯޓެއްގައި ފިތިބާރުވެ ތިބެގެން ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން މިސްރާބު ޖަހަމުންދިޔައީ މެލޭޝިއާއާއި ދިމާލަށެވެ.

މިދަނޑިވަޅަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާ ދަނޑިވަޅަކަށްވާއިރު، އެ ބަލިމަޑުކަމުގެ ބިރައްޓަކައި ކަމަށް ބުނެ، މެލޭޝިއާއިންވަނީ ރޯހިންޏާގެ ރެފިއުޖީ ބޯޓު ބަލައިގަތުމަށް އިންކާރުކޮށްފައެވެ. މިއާއެކު، އެ ބޯތުގައި ތިބި އެތައް ސަތޭކަ ބަޔަކު ވަނީ އިންތިހާ ނިކަމެތި، އަދި ފުރާނައަށް ނުރައްކާވަނިވި ހާލަތަކަށް ވެއްޓިފައެވެ.

1982 ވަނަ އަހަރުން ފެށިގެން ރޯހިންޏާ މުސްލިމުންނަށް މިޔަންމާއިން ރަށްވެހިކަން ދީފައެއް ނުވޭ/ފޮޓޯ: މަހްމޫދު ހުސައިން އޯޕޫ

ދާނެ މަންޒިލެއް ނެތި ކަނޑުމަތީގައި ބޯޓު އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. މި ބޯޓަށް އެހީގެ އަތެއް ދިއްކޮށްލީ މިހާރުވެސް މިލިއަނެއްހާ ރޯހިންޏާ ރެފިއުޖީންނަށް ހިމާޔަތް ދެމުންދާ ބަންގްލަދޭޝްއިންނެވެ. ދަންވަރުގެ ވަގުތުގައި ކަނޑުމަތީގައި ހާލުގައިޖެހިފައި އޮތް ބޯޓުން އެއްގަމަށް މީހުން ބާލަމުންދިޔަ މަންޒަރުތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. ބޯޓުން ބަލާމުންދިޔަ ރެފިއުޖީންގެ ތެރޭގައި އަޅާލާނެ މީހަކު ނެތް ކުޑަކުދިންވެސް އިންތިހާއަށް ގިނައެވެ.

ބަންގްލަދޭޝްގެ ކޯސްޓް ގާޑުން މި ބޯޓު ސަލާމަތް ކުރުމުގެ ކުރިން، ބޯޓު ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު މަރުވި ކަމަށްވެއެވެ. މަންޒަރު ދުށް މީހުން ކިޔައިދީފައިވާ ގޮތުގައި، އެމީހުންގެ ހަށިގަނޑުތައް އެއްލާލީ ކަނޑަށެވެ. ބޯޓުން ދަތުރުކުރި މީހަކު ބުނީ 500 އެއްހާ މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓުން 50 އަކަށް މީހުން މަރުވެފައިވާކަމަށާ، އެމީހުންނަށް ކަށު ނަމާދު ކުރީވެސް އޭނާ ކަމަށެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން/ފޮޓޯ: މުޙައްމަދު ހުސައިން

ފުރާނަ ސަލާމަތުން ބަންގްލަދޭޝްގެ ފަސްގަނޑަށް ފޭބުނު ރޯހިންޏާ ރެފިއުޖީން ކިޔައިދީފައިވާ ގޮތުގައި، ކަނޑުމަތީގައި ހޭދަވީ ދުވަސްތަކުގައި ދިރިހުރުމަށް ބޮއެ އުޅުނީ ކަނޑުން ނަގާ ލޮނުފެނެވެ. ބޯޓުން ސަލާމަތްކުރި އެތައް ސަތޭކަ ބަޔަކު މިހާރު ވަނީ ބަންގްލަދޭޝްގައި ކަރަންޓީނުކޮށްފައެވެ. ބެލެވޭ ގޮތުގައި މިފަދަ އިތުރު ބޯޓުތަކެއް އަދިވެސް ކަނޑުމަތީގައި ހާލުގައި ޖެހިފައިވާނެއެވެ.

ކަންމިހެން އޮތްއިރު، އެނބުރި ރެފިއުޖީން ބަންގްލަދޭޝްއިން ބަލައިގަންނާނެ ކަމާ މެދުވެސް ވަނީ ސުވާލުތަކެއް އުފެދިފައެވެ. މި ސުވާލުގެ ޖަވާބުގައި ބަންގްލަދޭޝްއިން ބުނީ، މިއީ ޖަވާބުދޭން ދަތި ސުވާލެއް ކަމަށެވެ. ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު އޭކޭ ޢަބްދުލްމުއުމިން ވިދާޅުވީ، ބަންގްލަދޭޝްއަކީ އެއްވެސް ހާލެއްގައި ބަޔަކު މަރުވެދާތަން ބަލަން އޮންނާނެ ގައުމެއް ނޫންކަމަށެވެ. ނަމަވެސް، ދާނެ މަންޒިލެއް ނެތި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތިބި މީހުންނަކީ ހަމައެކަނި ބަންގްލަދޭޝްއިން އުފުލަންޖެހޭ ޒިންމާއެއް ނޫންކަމަށް ވިދާޅުވަމުން ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ވަނީ އެމެރިކާ، ވިލާތުގެ އިއްތިހާދު އަދި އިނގިރޭސިވިލާތް ފަދަ ގައުމުތައް ކުރެ މި ސުވާލު ކުރުމަށް ގޮވާލައްވާފައެވެ.

ބަންގްލަދޭޝްގައި މިލިއަނެއްހާ ރޯހިންޏާ ރެފިއުޖީން ދިރިއުޅެމުންދާ ކޮކްސް ބާޒާރު ސަރަހައްދު/ފޮޓޯ: ސުޒާއުއްދީން ރުބެލް

މިޔަންމާގެ ފަސްގަނޑުގައި ލިބެމުންދިޔަ ލާއިންސާނީ އަނިޔާތަކުން ސަލާމަތްވުމަށް އެ ފަސްގަނޑު ދޫކޮށް ރޯހިންޏާގެ ރެފިއުޖީން ބަންގްލަދޭޝްއަށް މިސްރާބު ޖެހީ 2017 ވަނަ އަހަރުއެވެ. ނަމަވެސް ބަންގްލަދޭޝްގެ ކޭމްޕުތަކުގައިވެސް މި ރެފިއުޖީންނަށް މިހާރު އަބުރުވެރި ދިރިއުޅުމެއް އުޅެވޭކަށް ނެތެވެ.

ކަންމިހެން އޮތްއިރު އދއިން ވަނީ މި މައްސަލާގައި އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެތައް ބައެއްގެ ފުރާނަ ގެއްލި ހިނގައިދާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް އެބައޮތްކަން އދއިން ފާހަގަކުރެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ އެތައް ގައުމަކުން ބޯޑަރުތައް ބަންދު ކުރަމުންދާއިރު، ރެފިއުޖީންގެ ހާލު ދެކޭނެ ލޯތަކެއް ނެތް ކަމުގެ އިހުސާސް، ރޯހިންޏާގެ ރެފިއުޖީން ހިތްތައް މިއަދު ވަނީ ދަތިކޮށްފައެވެ.