މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ ވިލާތު ބައްރުން އެންމެ ބޮޑުވެގެން ދިޔަ އިޓަލީވިލާތުން މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް މީގެ 7 ވަރަކަށް ހަފުތާ ކުރިން ތަންފީޒު ކުރަން ފެށި ހަރުކަށި ފިޔަވަޅުތަކަށް ދޫ ދިނުމުގެ ޕްލޭންއެއް އެކުލަވާލައިފިއެވެ.

އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޫޒެއްޕެ ކޯންތެ ވިދާޅުވީ އެގައުމުގައި މިހާރު ތަންފީޒުކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފަށަން ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެގޮތުން މާސްކު އަޅައިގެން ތިބެ، އާއިލާގެ މެމްބަރުންގެ ގާތަށް، މަދު މަދުން ޒިޔާރަތް ކުރެވޭނެ ކަމަށާ، މިކަން ކުރެވޭނީވެސް ނިސްބަތުން މަދު ޖަމާއަތްތަކެއްގައި ކަމަށް ޚަބަރު ލިބެއެވެ.

މި ބަދަލުގެ ދަށުން ޕާކުތައް އަލުން ހުޅުވި ނަމަވެސް، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްތައް އޮންނާނީ ބަންދުކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19ގައި ވިލާތު ބައްރުން އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލިދިޔައީވެސް އިޓަލީވިލާތުންނެވެ. މި ބަލީގައި އިޓަލީވިލާތުން 26644 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ. އާދީއްތަ ދުވަހު އިޓަލީވިލާތުން ކޮވިޑް-19ގައި މަރުވިކަމަށް ރެކޯޑްކޮށްފައިވަނީ 260 މީހެކެވެ. މިއީ މާޗް 14 ވަނަ ދުވަހުން ފަށައިގެން ބަލައިފިނަމަ، އިޓަލީވިލާތުން އެންމެ ދަށްކޮށް މަރުގެ ރިޕޯޓް އާންމުކުރި ދުވަސްވެސްމެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އިޓަލީވިލާތުން މަރުވި މީހުންގެ ގަބުރުތައް އަސްކަރީ އުޅަނދަކަށް އަރުވަނީ/ފޮޓޯ: ދަ ސަން

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިޓަލީވިލާތުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 197675 އަށް އަރާފައެވެ. ނަމަވެސް އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ދަށް ވާން ފަށާފައިވާކަން ފާހަގަކުރަންޖެހެއެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އިޓަލީވިލާތުގައި ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިން ކަމުގައި ވީ ނަމަވެސް، އިޖުތިމާއީ ގައިދުރު ކަމަކީ ކުރިއަށް އޮތް މަސްތަކުގައި އިންތިހާ ސަމާލުކަން ދީގެން ތަންފީޒު ކުރަންޖެހޭނެ އާދައެއްކަން ކޯންތެ ވަނީ ފާހަގަކުރައްވާފައެވެ. ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތަކަށް އިހުތިރާމް ނުކޮށްފިނަމަ އިޓަލީވިލާތުގެ ކޮވިޑް-19 ކާވް އަނެއްކާވެސް އުފުލިގެން ދާނެ ކަމުގެ އިންޒާރު ކޯންތެ ވަނީ ދެއްވާފައެވެ.

ގޭބަންދުގައި އިޓަލީވިލާތުގެ ހުރިހާ ރައްޔިތުން ދިރިއުޅެން ފަށާފައިވަނީ މާޗް 9 ވަނަ ދުވަހުން ފަށައިގެންނެވެ.