ލޮކްޑައުންގާ ވެހިކަލް ދުއްވުމުގެ ހުއްދަދިން 17 ވެހިކަލެއްގެ ހުއްދަ ބާތިލުކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުލުހުން ކުރަމުންގެންދާ ގެންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ލޮކްޑައުންގާ ވެހިކަލް ދުއްވުމުގެ ހުއްދަ ދިން 17 ވެހިކަލެއްގެ ހުއްދަ ބާތިލު ކޮށްފައިވާ ކަމަށެވެ.

އެހުއްދަތައް ކެންސަލް ކޮށްފައި ވަނީ ހުއްދަ ދެވިފައިވާ ކެޓަގަރީ ނޫން ވެހިކަލް ދުއްވައިގެން ނުވަތަ ލައިސަންސް ނެތް ފަރާތެއް އެވެހިކަލް އޮޕަރޭޓުކޮށްގެން ކަމަށް އޭސީޕީ ނަވީން ވިދާޅުވިއެވެ.

އެއްތަނުން އަނެއްތަނަށް ދިއުމަށް ދޫކޮށްފައި ހުރި ހުއްދަ ތަކަކީވެސް އެކަމަށް ހެދިފައިވާ ވަކި ގަވާއިދުތަކެއްގެ ދަށުން ދޫކޮށްފައިވާ ހުއްދަ ތަކެއް ކަމަށާއި، އެ ހުއްދަތައް ބޭނުން ކުރުމުގައިވެސް އިތުރަށް ސަމާކުވުމަށް އެދޭ ކަމަށްވެސް ނަވީން ވިދާޅުވިއެވެ.

"ލޮކްޑައުން ހާލަތަށް އައިސްފަ އޮތް އިރު، 17 ފަރާތެއްގެ ފާސް އަޅުގަނޑުމެންވާނީ މިހާރު ކެންސަލް ކުރެވިފަ. އެއީ ވެހިކަލް ޕާމިޓް. ސަބަބަކީ، ހުއްދަ ދެވިފައިވާ ކެޓެގަރީ ނޫން ވެހިކަލް ދުއްވައިގެން ނުވަތަ ލައިސެންސް ނެތް ފަރާތެއް އެ ވެހިކަލް އޮޕަރޭޓް ކޮށްގެން ޕާމިޓްތައް ކެންސަލް ކުރެވިފަ ހުންނާނީ"
ނަވީން

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑީސީޕީ މަންނާނު ވިދާޅުވީ އެކި ޒަރޫރީ ބޭނުންތަކަށް އެންއީއޯސީއިން އަދި ފުލުހުންގެ ފަރާތުން ލިބިފައިވާ ބައެއް ފާސްތަކުން ހުއްދަދެވިފައިވާ ކަންކަން ނޫން، އެހެން ކަންކަމަށް ބޭނުން ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.