ގައިން ގަޔަށް އަރާ ބަލިޖެހޭ މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަރަންޓީން ކުރުމަށް އެންގި އެންގުމަށް ތަބާވުނުވި މީހަކު ކަރަންޓީން ކުރުމުގެ އަމުރެއް ސިވިލް ކޯޓުން ނެރެފިއެވެ.

ސިވިލް ކޯޓުން ބުނީ ރޭ ދަންވަރު ކަރަންޓީނަށް ދިއުމަށް ދެކޮޅު ހެދި ދިވެއްސަކު ކަރަންޓީނަށް ދިއުމަށް އެންގުމާއި އެކު އެފަރާތް ކަރަންޓީން ފެސިލިޓީއެއްގައި ބަންދު ކުރުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށާއި ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައިވާ ކަމަށެވެ.

ސިވިލް ކޯޓުން ވަނީ މިދިޔަ މަހުގެ 12ވަނަ ދުވަހު ގައިން ގަޔަށް އަރާ ބަލިޖެހޭ މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަރަންޓީން ކުރުމަށް އެމީހުންނަށް އަންގާ އެންގުންތަކަށް ތަބާ ނުވާނަމަ އެކަން ކުރުމުގެ ކޯޓު އަމުރު ނެރޭނެ އުސޫލެއް އާއްމުކޮށްފައެވެ.

މީގެ ދެ ދުވަސް ކުރިންވެސް ދެ މީހެއްގެ މައްޗަށް ވަނީ މިފަދައިން ކަރަންޓީންވުމަށް އަންގާ އަމުރެއް ނެރެފައެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ސިވިލް ކޯޓުން މިއަދު އާއްމު ކޮށްފައިވާ އުސޫލެއްގައި ބުނެފައިވަނީ ކަރަންޓީން ކުރުމަށް ދެކޮޅު ހަދާ މައްސަލައެއް ކޯޓަށް ހުށަހެޅުމުން އެ މައްސަލާގައި ޝާމިލުވާ ފަރާތްތަކަށް އެންގުމެއް ނެތި ކޯޓު އަމުރަކަށް އެދެވިދާނެ ކަމަށެވެ. އަމުރުގެ މުއްދަތު އިތުރު ކުރަން ބޭނުން ނަމަ އެކަންވެސް ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ބުންޏެވެ. އެގޮތުން އަމުރުގެ މުއްދަތު އިތުރު ކުރަން ބޭނުން ނަމަ ލިޔުމަކުން އެކަން ކޯޓަށް ހުށަހެޅިދާނެއެވެ.

އެފަދަ މައްސަލައެއް ކޯޓަށް ހުށަހަޅަން ބޭނުންވެއްޖެ ނަމަ އީމެއިލްގެ ޒަރިއްޔާއިން ވެސް މައްސަލަ ކޯޓަށް ހުށަހެޅިދާނެއެވެ. އަދި އެއްވެސް ފީއެއް ނެގުމަކާއި ނުލާ އެފަދަ މައްސަލަތައް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން އާއްމުކޮށްފައިވާ އުސޫލުގައިވެއެވެ.